ރާއްޖޭގެ ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް އެއް ތަނަކުން ފެނިގެންދާ ޚާއްސަ "ތަރިންގެ ރޭ" ޝޯތަކެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަރީންގެ ރޭ އިވެންޓަކީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވަން ހަމަޖެހިފައިވާ ޝޯތަކެކެވެ.
މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާއާއި މަޝްހޫރު ފަންނާނު ޖާދުﷲ އިސްމާއީލް ފަދަ ފަންނާނުންތައް އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯތަކުގެ މަސައްކަތްތައް މިހާރު ވެސް އަންނަނީ ހަލުވި ސްޕީޑެއްގައި ކުރިއަށެވެ.
މި ހަރަކާތާ ގުޅޭގޮތުން އިތުރަށް މައޫލޫމާތު ދެމުން މަޝްހޫރު ތަރި މަރިޔަމް އައްޒަ ފާހަގަކޮށްފައިވަނީ މި ފަހަރުގެ ތަރިންގެ ރޭ އިވެންޓުގައި ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ 20 ވަރަކަށް ފަންނާނުން ފެނިގެންދާނެ ކަމަށެވެ.
އޭގެ ތެރޭގައި ކުރީގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަންނާނު މަރިޔަމް ނިޝާ ހިމެނޭ ކަމަށް އައްޒަ ފާހަގަކުރިއެވެ. މީގެ އިތުރުން ވެސް ޝީލާ ނަޖީބު ފާތިމަތު އާޒިފާ (އަޒޫ) ފަދަ ތަރީންތައް މި ފަހަރުގެ ތަރިންގެ ރޭ އިވެންޓުން ފެނިގެންދާނެއެވެ.
ތަރިންގެ ރޭ ދެ ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޝޯތައް ކުރިއަށްދާނީ މި މަހުގެ 25 އަދި 26 ގައި އޮލިމްޕަހުގައެވެ. "ތަރިިންގެ ރޭ" ސްޕޮންސާކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާއިރު، ޝޯގެ ޓިިކެޓް ވިއްކަނީ 200 ރުފިޔާއާއި 300 ރުފިޔާއަށެވެ. މި ނަމްބަރުން 7420021 ޓިކެޓް ބުކް ކުރެވޭނެ އެވެ.
އައްޒަ ފާހަގަކުރި ގޮތުގައި ޓިކެޓުތައް މިހާރު ވެސް އަންނަނީ ވަރަށް ގަދައަށް ވިކެމުންނެވެ.
އީދާ ދިމާކޮށް ކޮންމެ އަހަރެއްގައި ވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކުން ދިވެހި ފަންނާނުންގެ ހުނަރުތައް ފެނިގެންދެއެވެ. ނަމަވެސް، އެފަދަ ޝޯތަކެއް މާލޭގައި އުޅޭ ރައްޔިތުންނަށް ނުފެންނާތީ އެފަދަ ޝޯތަކަށް ގިނަ ބަޔަކު އެދެމުން ދެއެވެ. މި ފަހަރުގެ ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ސަބަބާ ހުރެއެވެ.