ރައީސް މުޢިއްޒު އިރާނުގެ އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސް މުޢިއްޒު އިރާނުގެ އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވުން --

އިސްލާމިކް ރިޕަބްލިކް އޮފް އިރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަސްއޫދު ޕެޒެޝްކިއާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ރާއްޖެއާއި އިރާނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުން އެކުގައި މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

އަދި އިރާނާއި އެ ގައުމު ހިމެނޭ ސަރަހައްދަށް ސުލްހައާއި ތަނަވަސްކަން ގެނައުމުގައި އިރާނުގެ އިންތިޚާބީ ރައީސަށް ކާމިޔާބީއަށް އެދިވަޑައިގަންނަވައި، ރައީސް މުޢިއްޒުވަނީ އެ މަނިކުފާނުގެ ހެޔޮ އެދުންތައް ފޮނުއްވައިފައެވެ.

ހިތުގެ ބަލީގެ ޑޮކްޓަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޕެޒެޝްކިއާން އީރާނުގެ ދެވަނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ ވާދަވެރިޔާ ސައީދު ޖަލީލީ ބަލިކޮށްފައެވެ.

އިންތިޚާބުގެ މައި މަރުކަޒާ ހަވާލާދީ އީރާނުގެ ގައުމީ ޓީވީން ރިޕޯޓުކޮށްފައިވަ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި ގުނާފައިވާ 30.5 މިލިއަން ވޯޓުގެ ތެރެއިން ޕެޒެޝްކިއާން ވަނީ 16.3 މިލިއަނަށް ވުރެ ގިނަ ވޯޓު ހޯދާފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ނަމަވެސް ދެވަނަ ބުރުގެ އިންތިޚާބުގައި 49.8 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

އިރާނުގައި ރިޔާސީ އިންތިޚާބު ބޭއްވީ އެ ގައުމުގެ ކުރީގެ ރައީސް، އިބްރާހީމް ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެންނެވެ.

އީރާންގެ ގާނޫނު ބުނާ ގޮތުން، އެ ގައުމުގެ ރައީސް އަވަހާރަވުމުން އެ ޒިންމާތަކާ ހަވާލުވާނީ ނައިބު ރައީސެވެ. އަދި، ރައީސްގެ މަގާމު ހުސްވާތާ 50 ދުވަހުގެ ތެރޭގައި އާ ރައީސެއް އިންތިޚާބުކުރަން ޖެހޭނެއެވެ.

comment ކޮމެންޓް