އީރާނުގެ އާ ރައީސަކަށް މަސްއޫދު ޔަޒްޝިކާން، ހުޅަނގާ ރައްޓެހި މޫނެއް

އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދު ޔަޒްޝިކާން. ފޮޓޯ/އަލް ޖަޒީރާ

އީރާނުގެ ރިޔާސީ އިންތިޚާބު ހުޅަނގުގެ ގައުމުތަކާއެކު ގުޅުން ގާއިމުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ މަސްއޫދު ޔަޒްޝިކާން ކާމިޔާބުކޮށްފިއެވެ.

ހިތުގެ ބަލީގެ ޑޮކްޓަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޔަޒްޝިކާން އީރާނުގެ ދެވަނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ ސައީދު ޖަލީލީ ބަލިކޮށްފައެވެ.

އިންތިޚާބުގެ މައި މަރުކަޒާ ހަވާލާދީ އީރާނުގެ ގައުމީ ޓީވީން ރިޕޯޓުކޮށްފައިވަ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި ގުނާފައިވާ 30.5 މިލިއަން ވޯޓުގެ ތެރެއިން ޔަޒްޝިކާން ވަނީ 16.3 މިލިއަނަށް ވުރެ ގިނަ ވޯޓު ހޯދާފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ނަމަވެސް ދެވަނަ ބުރުގެ އިންތިޚާބުގައި 49.8 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

އީރާނުގެ އިންތިޚާބާ ބެހޭ ގާނޫނުގެ ދަށުން އެ ގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުއެވެ. އެއީ، އީރާނުގެ ރައީސް ކަމަށް ރައީސީ އިންތިޚާބުވެ ވަޑައިގެންތާ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް، މެއި މަހުގެ 19 ވަނަ ދުވަހު ހެލިކޮޕްޓަރު ވެއްޓި ރައިސީ އަވަހާރަވުމާ ގުޅިގެން 50 ދުވަހުގެ ތެރޭގައި އާ ރައީސަކު ހޮވަންޖެހެއެވެ.

ޔަޒްޝިކާން އަކީ ކާކު؟

އިސްލާހަށް މަސައްކަތްކުރެއްވި ރައީސް މުހައްމަދު ޚާތަމީގެ ވެރިކަމުގައި ސިއްޚަތާބެހޭ ވަޒީރުކަން ކުރެއްވި ޔަޒްޝިކާން އަކީ ތަމްރީނު ލިބިފައިވާ ހިތުގެ ބަލީގެ ޑޮކްޓަރެއް އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވެފައި ވަނީ 2009 ވަނަ އަހަރު ބޭއްވި ޑިމޮކްރަސީއަށް ތާއީދުކުރާ މުޒާހަރާތަކުގައި ބައިވެރިވެ، ޖަލުގައި ހުއްޓައި މަރުވި، މަހްސާ އަމީނީގެ މަރުގެ ސަބަބުން 2022 ވަނަ އަހަރު ފުލުހުންނާއި އާންމުންގެ ކުރިމަތިލުންތަކުގައި ހިނގި އަނިޔާވެރިކަމާ ދެކޮޅަށް ގެންގުޅުނު ސްޓޭންޑުންނެވެ. އަމީނީ މަރުވީ އީރާނުގެ އަންހެނުންގެ ހެދުން އެޅުމުގެ އުސޫލަށް ތަބާނުވުމުންނެވެ. އެ ކުރިމަތިލުންތަކުގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ޔަޒްޝިކާން ވަނީ 2013 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ. ނަމަވެސް އެ ދެ އަހަރުވެސް އޭނާއަށް ކާމިޔާބެއް ނުވެއެވެ.

ހުޅަނގާ ރައްޓެހި މޫނެއް

އިރާނުގެ އިންތިޚާބުގެ ސަބަބުން ހުޅަނގުގެ ގައުމުތަކާއެކު އެ ގައުމުން އޮންނަ ގުޅުމަށް ބަދަލު އަންނާނެ ކަމަށް އުންމީދުކޮށްފައި ނުވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް ޔަޒްޝިކާން އަކީ ހަމަ ޔަގީނުން ވެސް ހުޅަނގުން އިސްކަންދޭ ކެންޑިޑޭޓެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޔަޒްޝިކާންގެ އެކުވެރިއެއް އަދި މީގެ ދުވަސްތަކެއް ކުރިން އީރާނާ އެކު އޮތް ބައިނަލްއަގުވާމީ ގުޅުންތައް ވަރަށް ކައިރިން ބަލަހައްޓަމުން ގެންދިޔަ ޖަވާދު ޒަރީފަށް ޔަޒްޝިކާންގެ ވެރިކަމުގައި އަލުން އެ މަގާމު ދޭން ނިންމައިފައިވާ ކަމަށްވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި ތެހެރާނުގެ ނިއުކްލިއާ ހަރަކާތްތައް ހަނިކުރުމަށް އެމެރިކާއާއި ދުނިޔޭގެ ބާރުތަކާއެކު އީރާނުން އެއްބަސްވީއިރު، ޒަރީފު ހުންނެވީ އީރާނުގެ އެންމެ އިސް ޑިޕްލޮމެޓްގެ ގޮތުގައެވެ. އީރާނުގެ ޒުވާނުންގެ މެދުގައި އޭނާ މަގުބޫލުވި ނަމަވެސް، ހުޅަނގާއި މާ ރަހުމަތްތެރި ކަމަށް ބުނެ ހަރުކަށި ފިކުރުގެ މީހުންގެ ފާޑުކިޔުންތަކާވެސް ވެސް އޭނާއަށް ވަނީ ކުރިމަތިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް