ޕެނަލްޓީގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.
ޖަރުމަނުގެ ހެމްބާގުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރުވެސް ލަނޑެއް ނުފެނެއެވެ. ދެޓީމުން ކުރެ ޓީމެއް ލަނޑެއް ނުޖެހުމުން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި ފްރާންސް މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފެށިގެން ނިމުމާއި ހަމައަށް ކުޅެފައެވެ. އަދި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އޭނާއަށް ލިބުނެވެ. ނަމަވެސް ގޯލު ތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތް ނުވިއެވެ.
ޕޯޗުގަލްއިން ފުރަތަމަ 20 މިނެޓުގައި ފްރާންސް ފަހަތަށް ބާރުބޮޑު ކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ގައިގައި ޖެހި ވަނީ މަތަވެފައެވެ.
މީގެއިތުރުން ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މި މެޗުގައި މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އިތުރު ވަގުތުގެ ފަހު ހާފުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، އިތުރު ވަގުތު ނިމެން ދަނިކޮށް ޕޯޗުގަލްއިން ތަނަވަސްކުރި ފުރުސަތެއްގައި ނޫނޯ މެންޑޭޒް ޖެހި ބޯޅަ ފްރާންސް ކީޕަރު މަތަކުރިއެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ފްރާންސްގެ ފުރަތަމަ ޕެނަލްޓީ ޑެމްބޭލޭ ވައްދާލި އެވެ. ޕޯޗުގަލް ފުރަތަމަ ޕެނަލްޓީ ރޮނާލްޑޯވެސް ވައްދާލިއެވެ. ފްރާންސްގެ ދެވަނަ ޕެނަލްޓީ މާކަސް ތުރާމް ވެއްދިއިރު، ޕޯޗުގަލްގެ ދެވަނަ ޕެނަލްޓީ ބަނާޑޯ ސިލްވާ ވައްދާލީ ހިތްގައިމު ކޮށެވެ. މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ފްރާންސުން ދެން ޖެހި ޕެނަލްޓީ ޖޫލްސް ކުންޑޭވެސް ވައްދާލިއެވެ. އަދި ޕޯޗުގަލްއިން ޖެހި ޕެނަލްޓީ ޖާއޯ ފެލިކްސް އަށް ނާކާމިޔާބުވިއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. ފްރާންސްގެ ހަތަރުވަނަ ޕެނަލްޓީ ބްރެޑްލީ ބާކޯލާ ވައްދާލިއިރު ޕޯޗުގަލްގެ މެންޑޭޒް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ފްރާންސުން މޮޅުވާން އޮތް ޕެނަލްޓީ ކާމިޔާބުކުރީ ހެނާންޑޭޒްއެވެ.