އާލިއާ އާއި ޝަރުވަރީ ލީޑް ރޯލް ކުޅޭ ފިލްމުގެ ނަމަކީ 'އަލްފާ'

ބަތަލާ އާލިއާ ބަޓް އަދި ޝަރުވަރީ ވާގު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއަށް ބަތަލާ އާލިއާ ބަޓް ކުޅެދޭ ފުރަތަމަ ފިލްމުގެ ނަން އިއުލާނުކޮށްފިއެވެ.

އާލިއާގެ އިތުރުން ފިލްމު އިންޑަސްޓްރީގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޒުވާން ބަތަލާ ޝަރުވަރީ ވާގު ލީޑް ރޯލް ކުޅޭ މި ފިލްމުގެ ނަމަކީ "އަލްފާ"އެވެ. މި ފިލްމަކީ ވައިއާރުއެފްގެ ސްޕައި ޔުނިވާސްއިން ބަތަލާއިން ލީޑް ރޯލްއިން ފެންނާނެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ނަން އިއްޔެ އިއުލާނުކޮށްފައި ވާއިރު މި ފިލްމުގެ މަސައްކަތް ވަރަށް ފަހުން ވަނީ ފަށައިފައެވެ.

މި ފިލްމުގައި އާލިއާ އާއި ޝަރުވަރީގެ ރޯލް ބިނާކޮށްފައި ވަނީ ވަރަށް ވަރުގަދަ އެކްޝަން ރޯލްތަކަކަށް ކަމުން ފިލްމުގައި ވަރަށް ގިނަ އެކްޝަން ސީންތައް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ އާލިއާ ބަޓް ފިލްމު "އަލްޕާ"ގެ ތަމްރީނުތަކުގައި ބައިވެރިވަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމުގައި ހިމަނާފައިވާ އެކްޝަން ސީންތަކަށް އާލިއާ އާއި ޝަރުވަރީ ތައްޔާރު ކުރުމުގެ ގޮތުން ވަރަށް ޚާއްސަ ތަމްރީނުތަކެއް ދެ ތަރިން އަންނަނީ ފުރިހަމަ ކުރަމުންނެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ވައިއާރުއެފްއިން ގެނެސްދިން ވެބް ސީރީސް "ރެއިލްވޭ މެން"ގެ ޑައިރެކްޓަރު ޝިވް ރަވައިލްއެވެ.

ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި "އަލްފާ"ގެ ވަރަށް މުހިއްމު ރޯލްތަކުން އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް ފެންނާނެއެވެ. ނަމަވެސް ސްޕައި ޔުނިވާސްއިން މިހާތަނަށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އާލިއާ އާއި ޝަރުވަރީ އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ "އަލްފާ" އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމެކެވެ. އާލިއާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27ގައި ރިލީޒްކުރާ ފިލްމު "ޖިގްރާ"އިންނެވެ.

comment ކޮމެންޓް