ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ޖަރުމަނު ކަޓުވާލުމަށްފަހު ސްޕެއިނުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ޖަރުމަނުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ސްޕެއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސްޕެއިނުން މެޗު ކާމިޔާބުކުރީ މެޗުގެ 90 މިނެޓް 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ދެވަނަ ހާފް ނިމެން ދަނިކޮށް ކާމިޔާބުކުރި ؛ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ.
ސްޕެއިން އަކީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ސްޕެއިންއެވެ.
އެ ޓީމަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ. މި ލަނޑު އޭނާ ޖެހީ ލަމީން ޔަމާލް ތިރިތިރިން ނަގައިދިން ބޯޅައިންނެވެ. އޭނާ މި ލަނޑު ޖެހީ 51 ވަނަ މިނެޓުގައެވެ. މިއީ މުބާރާތުގައި ޔަމާލްގެ ތިންވަނަ އެސިސްޓެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޕެޑްރީ ވަނީ ބަދަލުކޮށްފައެވެ. އެއީ ޓޮނީ ކްރޫސް އޭނާއަށް ކުރި ނުރައްކާތެރި ފައުލާއި ގުޅިގެންނެވެ. ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ގިނަ ބަދަލުތަކެއް ގެނައުމަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށެވެ.
އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ފްލޯރިއަން ވިއެޓްޒް އެވެ. އޭނާ މި ލަނޑު ޖެހީ އަރިމަތީ ދަނޑި ކައިރިން ކިމިޗް ބޮލުން ގޯލް އޭރިޔާ ބޭރަށް ޖައްސާލި ބޯޅަ އެއްފަހަރުން ފޮނުވާލައިގެންނެވެ.
ސްޕެއިންއިން ސެމީފައިނަލް ޔަގީންކުރި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ދެވަނަ ހާފް ނިމެނިކޮށެވެ. މެރީނޯ މި ލަނޑު ޖެހީ 118 ވަނަ މިނެޓްގައި އޮލްމޯ ނަގައިދިން ހުރަހުންނެވެ.
ސެމީފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ޕޯޗްގަލް އާއި ފްރާންސް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.