ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖޭ މިޔުންގްއަށް މިދިޔަ ޖެނުއަރީ މަހު ވަޅިން ހަމަލާދިން މީހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އެ ހަމަލާ ދީފައި ވަނީ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިންނެވެ. ވަޅިން ހަމަލާދިން މީހާގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލަން އުޅުމުގެ ދައުވާ އާއި އިންތިޚާބުގެ ގާނޫނާ ޚިލާފުވުމުގެ ދައުވާއެވެ.
ބުސާން ސިޓީގެ ފުލުހުން ބުނީ ހަމަލާދިން މީހާ ބޭނުންވީ އޭރުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (ޑީޕީ)ގެ ލީޑަރު ލީ މަރާލަން ކަމަށެވެ. އަދި އެއީ ދެކުނު ކޮރެއާގެ ރައީސް ކަމަށް ލީ އައުމަށް ހުރަސް އެޅުމުގެ މަގްސަދުގައި ކުރި ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
ހުކުރު ދުވަހު ބުސާން ޑިސްޓްރިކްޓް ކޯޓުން ވަނީ އެ ހަމަލާއަކީ އެގައުމުގެ އިންތިޚާބީ ނިޒާމުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި އަސާސީ ޑިމޮކްރެޓިކް އުސޫލުތަކަށް އޮތް އިތުބާރު ވަރަށް ބޮޑަށް ނައްތާލި އަމަލެއް ކަމަށް ބުނެފައެވެ.
އެ ހުކުމާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިޔާސީ ޚިޔާލު ތަފާތުވުމުގެ ސަބަބުން ހަމަލާދިން މީހާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލީއަށް ނަފުރަތުކޮށްފައެވެ. އަދި ހަމަލާ ދިނުމުގެ ކުރިން ވަޅި ހަރަން ޕްރެކްޓިސްކޮށް އާންމު ފަސް އިވެންޓެއްގައި ލީ އަށް ފާރަލައިފައިވެއެވެ.
އެމީހާއަކީ ކާކުކަން ކޯޓުން ހާމައެއް ނުކުރެއެވެ. ފުލުހުން ކުރިން ބުނެފައި ވަނީ އޭނާގެ އުމުރަކީ ގާތްގަނޑަކަށް 67 އަހަރު ކަމަށެވެ.
ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ބޭއްވި ހަރަކާތެއްގައި ލީގެ ވަށައިގެން ނޫސްވެރިންވެސް ތިއްބައި އެ ހަމަލާދިންއިރު، އޭނާ އުޅުނީ ލީގެ ސަޕޯޓަރަކަށް ހެދިގެންނެވެ. އެ ހަމަލާއާ ގުޅިގެން ލީ ވަރަށް ބޮޑަށް ޒަޚަމްވެ، ކުއްލި ސާޖަރީއެއް ހަދައި، ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
މިދިޔަ ހަފުތާގައި ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވި ލީ އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައިވާ ޕާޓީގެ ކޮންވެންޝަންގައި އަނެއްކާވެސް ޑީޕީގެ ލީޑަޝިޕަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.
ދެކުނު ކޮރެއާގައި ސިޔާސީ މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ގިނައިން ހިނގައެވެ. ލީގެ ކުރިން ޑީޕީގައި އިސްކޮށް ހުރި ސޮންގް ޔަންގް-ގިލްއަށްވެސް 2022 ވަނަ އަހަރު ހަމަލާ ދީފައިވެއެވެ.