ލާމަސީލު ލާމުގެ ނަމުގައި ލ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ވާހަކަދެއްކުމުގެ މުބާރާތުގެ ދެވަނަ މުބާރާތް ފަށައިފިއެވެ.
އަތޮޅުގެ ސްކޫލުތައް އެއްތަންކުރުވާ މި މުބާރާތް ފެށުމުގެ ގޮތުން އެ ކަމަށް ޚާއްސަ ކުލަގަދަ ހަފްލާއެއް ވަނީ ބާއްވައިފައެވެ. މުބާރާތް ކުރިއަށްގެންދަނީ ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގައެވެ.
މިއީ ލ. އަތޮޅު ކައުންސިލާއި ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކުރާ މުބާރާތެކެވެ.
މި މުބާރާތުގެ މަގުސަދަކީ ލ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހާ މެދު ޝައުގުވެރިކަން އުފައްދައި އަދަބިއްޔާތު ކުރިއެރުވުމެވެ.

ލާމަސީލު ލާމު ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ތެރެއިން -- ލާމު އޭއީސީ
މި މުބާރާތާ ގުޅޭގޮތުން ލ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް އާމިރު "ސަން"އަށް ވިދާޅުވީ އާންމު ގޮތެއްގައި އަތޮޅު ތެރޭގައި ކިޔަވާ ދަރިވަރުންނަށް މިފަދަ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުންވެފައި އޮންނަނީ ވަރަށް ދަތިކަމަކަށް ކަމަށެވެ. ސަބަބަކީ މާލެ ދަތުރުކުރަން ޖެހުމާއި، ވަގުތާއި ވަސީލަތުގެ ދަތިކަން ހުރުންކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް އަތޮޅު ފެންވަރުގައި މިފަދަ މުބާރާތެއް ބޮޑުކޮށް ބޭއްވުމަކީ އަތޮޅުގެ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް އާމިރު ފާހަގަކުރެއްވިއެވެ. އަދި މިއީ މި ފަދަ އަދަބީ ހުނަރުތަކާއި ފަންނުތައް ދިރުވައި ދަމަހައްޓަން އޮތް މަގެއްކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރާ އެންމެ ބޮޑު އުންމީދަކީ އަޅުގަނޑުމެން ތެރެއިން ކިޔަވައިގެން ނިކުންނަ ކުދިންނަކީ ކުށް ނުލައި ދިވެހިބަހުން ވާހަކަދެއްކޭ ކުދިންނަށްވުން،" އޭނާ ވިދާޅުވިއެވެ.

ލާމަސީލު ލާމު ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ތެރެއިން -- ލާމު އޭއީސީ
މި މުބާރާތް ހިންގުމަށް ޓަކައި ފަންނީ އެހީތެރިކަން ދީފައިވަނީ ދިވެހިބަހުގެ އެކެޑަމީންނެވެ.
މި މުބާރާތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރަައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މި މުބާރާތަކީ އަތޮޅު ކައުންސިލަކުން އިސްނަގައިގެން ކުރިއަށްގެންދާ ފުރިހަމަ މުބާރާތެއްކަމަށެވެ.

ލާމަސީލު ލާމު ވާހަކަދެއްކުމުގެ މުބާރާތުގައި ދަރިވަރަކު ވާހަކަދައްކަނީ -- ލާމު އޭއީސީ
މި މުބާރާތް ނަމޫނާއަކަށް ބަލައިގެން ކޮންމެ އަތޮޅެއްގައި ވެސް މުބާރާތް ކުރިއަށް ގެންދިއުމަކީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
ސަބަބަކީ ދިވެހިބަހުގެ އެކެޑަމީގެ މުބާރާތަކީ ވަސީލަތްތަކާއި ވަގުތު ތަންދޭ ގޮތުގެ ސަބަބުން ހަމައެކަނި މާލޭގައި ބޭއްވޭ މުބާރާތެއް ކަމަށާއި އެ ފަދަ މުބާރާތެއްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ބައިވެރިވާން ފުރުސަތު ނުލިބޭ ކަމަށެވެ.
"އޭގެ ބަދަލުގައި ހަމަ ކޮންމެ އަތޮޅަކުން ވެސް އަތޮޅު ކައުންސިލުން އެ ކަން ކުރަންވީ އަތޮޅު މުބާރާތެއްގެ ގޮތުގައި. ދިވެހިބަހުގެ އެކެޑަމީ ބައިވެރިވެގެން ސެޓްފިކެޓް ދިނުމާ މި ކަންކަން ކުރިއަށްގެންދާ ގޮތަށް. އެކެޑަމީން ބާއްވާ މުބާރާތަށް އެ މުބާރާތުން ހޮވައިލެވޭ އެއްވަނަ ދެވަނަ ތިންވަނައަށް ދާ ކުއްޖަކު ގެނެސް ބައިވެރިވާން ހަދާ ގޮތަށް ބަދަލު ގެނައުން މުހިންމު،" އޭނާ ފާހަގަކުރެއްވިއެވެ.

ލާމަސީލު ލާމު ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ތެރެއިން -- ލާމު އޭއީސީ
މީގެ އިތުރުން މި ފަދަ ކޮންމެ މުބާރާތަކަށް ދިވެހިބަހުގެ އެކެޑަމީގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވެސް ޑރ. އަޝްރަފް ވަނީ ދެއްވައިފައެވެ.
މި މުބާރާތާ ގުޅޭގޮތުން މި އަހަރުގެ މުބާރާތުގެ އިސް ފަނޑިޔާރު މުޙައްމަދު ނަސީރު "ސަން"އަށް ވިދާޅުވި ގޮތުގައި މިއީ އަތޮޅު ފެންވަރުގައި ކައުންސިލަކުން ކުރާ ނަމޫނާ މަސައްކަތެކެވެ.
"މިއީ ހަމަ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ނަމޫނާ މުބާރާތެއް. ފެންވަރުގެ ގޮތުން ބެލި ނަމަވެސް، ހުރިހާ ގޮތަކުން ނަމަވެސް. މިއީ ކުދިން އުފެދޭ މުބާރާތެއް. މި މުބާރާތުގައި ފުރަތަމަ އަހަރު ބައިވެރިވި ކުދިން އެބަ ތިބި ގައުމީ މުބާރާތުގެ ގަދަ 10އެއްގައި ހިމެނިފައި،" އޭނާ ފާހަގަކުރެއްވިއެވެ.

ލާމަސީލު ލާމު ވާހަކަދެއްކުމުގެ މުބާރާތުގައި ދަރިވަރަކު ވާހަކަދައްކަނީ -- ލާމު އޭއީސީ
އެހެންކަމުން އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މި ކަން ފުޅާވެ ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ކަންކަން ކުރެވުންކަމަށް ނަސީރު ފާހަގަކުރެއްވިއެވެ.
ޖުމްލަ ދެ ގިންތިއަކަށް ބަހައިލައިގެން ކުރިއަށް ގެންދާ ލާމަސީލު ލާމު ވާހަކަދެއްކުމުގެ މުބާރާތުގައި ލ. އަތޮޅުގެ ނުވަ ސްކޫލަކުން، 14 އަހަރުންދަށުގެ އުމުރުފުރައިންނާއި، 14 އަހަރުން މަތީގެ އުމުރުފުރައިން ޖުމްލަ 103 ދަރިވަރަކު ބައިވެރިވެފައިވެއެވެ. ލާމަސީލު ލާމު މުބާރާތުގެ ގިންތިތަކުގެ ވާހަކަދެއްކުން ކުރިއަށްގެންދަނީ ދަންފަޅި އުސޫލުން މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.