ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ޚާއްސަ ހަވީރެއް ބާއްވައިފި

"ދިވެހިބަހުގެ ހަވީރު 2026" ގެ ތެރެއިން: ކުޑަކުދިންނަށް ޚާއްސަ ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން މިއަދު ވަނީ ޚާއްސަ ހަވީރެއް ބާއްވާފައެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހުޅުވައިދެއްވި މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ތަފާތު ގިނަ ހަރަކާތްތަކަކާއި، ފޮތް މައުރަޒެއް އަދި ބަހާއި ސަގާފަތާ ގުޅުންހުރި ކުޅިވަރުތައް ކުރިއަށް ގެންދިޔައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ބާރުއަޅައި، ޤައުމިއްޔަތު ދިރުވައި އާލާކުރުމެވެ.

  • އެޗްޑީސީ އާއި ދިވެހިބަހުގެ އެކެޑަމީން ގުޅިގެން ދިވެހިބަހުގެ ހަވީރު ބޭއްވުން
  • މި ހަވީރު ރަސްމީކޮށް ހުޅުވައިދެއްވީ ވަޒީރު ހީނާ ވަލީދު ކަމުގައިވުން
  • ކުޑަކުދިންނަށް ޚާއްސަ ތަފާތު ކުޅިވަރުތަކަކާއި ފޮތް މައުރަޒެއް ކުރިއަށް ގެންދިޔުން
  • މިއަހަރުގެ ޝިޢާރަކީ ޤައުމިއްޔަތު ދިރުވާން ސާފު ދިވެހިބަހުން ވާހަކަދެއްކުން ކަމުގައިވުން

މި އަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން "ދިވެހިބަހުގެ ހަވީރު 2026" ގެ ނަމުގައި ޚާއްސަ ހަވީރެއް މިއަދު ބާއްވައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 2 ސަރަހައްދުގައި ކުރިއަށްދިޔަ މި ހަވީރު ރަސްމީކޮށް ހުޅުވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

"ދިވެހިބަހުގެ ހަވީރު 2026" ގެ ތެރެއިން: މި ހަވީރު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހުޅުވައިދެއްވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރުގެ ބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިޢާރަކީ "ޤައުމިއްޔަތު ދިރުވާން ސާފު ދިވެހިބަހުން ވާހަކަދައްކަމާ" މިއެވެ.

މިއަދު ބޭއްވި ހަވީރުގެ ހަރަކާތްތައް ވެސް ބިނާކޮށްފައި ވަނީ މި ޝިއާރުގެ މައްޗަށެވެ.

"ދިވެހިބަހުގެ ހަވީރު 2026" ގެ ތެރެއިން: ކުޑަކުދިންނަށް ޚާއްސަ ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔަ މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ވާހަކަ ކިޔުމާއި، "އެކިކުލަ"، "ބުނަމާބުނަމާ"، "އެވޭލާމިވޭލާ" އަދި "އާދޭއާދޭ" ފަދަ ދިވެހި ބަހާއި ސަގާފަތާ ގުޅުންހުރި ކުޅިވަރުތައް ހިމެނެއެވެ.

މި ހަވީރުގައި ދިވެހިބަހުގެ އެކެޑަމީއާއި ފަސް ޕްރީ ސްކޫލަކާއި، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ތަފާތު ހަރަކާތްތަކާއި، ބަހުގެ ކުޅިވަރުތައް ވަނީ ބާއްވާފައިއެވެ. އަދި ލިޔުންތެރީންގެ ގުޅުމާއި އަލިމަސް އިންސްޓިޓިއުޓުން މި ހަވީރުގައި ވަނީ ބައިވެރިވެފައިއެވެ.

"ދިވެހިބަހުގެ ހަވީރު 2026" ގެ ތެރެއިން: މި ހަވީރު ބާއްވާފައި ވަނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

މީގެ އިތުރުން، މި ހަވީރުގެ ތެރެއިން ފޮތް މައުރަޒެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދިވެހި ބަހަށް ލޯބިޖެއްސުމާއި، ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ބާރުއެޅުމުގެ އިތުރުން ގައުމިއްޔަތު ދިރުވައި އާލާކުރުމެވެ.

ޤައުމީ ނަޒަރަކުން ބަލާއިރު ދިވެހި ބަހުގެ ދުވަހަކީ ވަރަށް ފަޚުރުވެރި ދުވަހެކެވެ. ދިވެހީންނަށް ވަރަށް މުހިންމު އެހާމެ ޚާއްޞަ ދުވަހެކެވެ. ދިވެހި ބަހަކީ ދިވެހީންގެ އެއްބައެއްވަންތަކަން ހާމަކޮށްދޭ އެންމެ ފާޅުކަން ބޮޑު ފާހަގައެވެ. ދިވެހި ބަހަކީ ދިވެހީންގެ އެއްޤައުމުވަންތަކަން ސާބިތުކޮށްދޭ އެންމެ ސާފުކަން ބޮޑު ޢިލްމީ ޙަޤީޤަތެކެވެ.

ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށެވެ.

comment ކޮމެންޓް