ހިޖުރައިގެ އެތައް ޢިބުރަތެއް މިއަދުގެ ޚުތުބާއިން

މިއަދުގެ ޚުތުބާއިން ހިޖުރައިގެ އެތައް ޢިބްރަތެއް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތަކާއި ދަރުސްތަކެއްވެއެވެ. "ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން،" މި މައުލޫއަށް މިއަދު ކީ ހުކުރު ޚުތުބާގައި ވަނީ ހިޖުރައިގެ އެތައް އިބުރަތެއް ހިއްސާކޮށްފައެވެ.

ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމެވެ. ނަމަވެސް، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮމަގަށް ރުޖޫއަވުމެވެ. ކީރިތި ރަސޫލާ އިސްލާމްދީނަށް ގޮވާލައްވަން މައްކާގައި 13 އަހަރު ހޭދަކުރެއްވިއެވެ. އެ ރަށުގެ އަހުލުވެރިންގެ ފަރަތުން މި ކަމަށް އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް އެ ކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެ ހިނދު ﷲގެ އަމުރުފުޅަށް އެކަލޭގެފާނު މައްކާ ދޫކުރައްވާ މަދީނާއަށް ހިޖުރަކުރެއްވިއެވެ.

އެ ހިސާބުން ފެށިގެން ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނަގައި އެޅުނެވެ.

ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކާ ގުރުބާންވުމުގެ އަގުހުރި އެއް ފިލާވަޅެވެ. އެގޮތުން ބަލާއިރު ކީރިތި ރަސޫލާ، އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، އާއިލާގެ ބޭފުޅުން ދޫކުރައްވާ މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމްދީނުގެ ދިފާއުގައި އެތައް ކަމެއް ގުރުބާންކުރެއްވުމަށް ފަހުއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅާ ފުރިހަމައަށް ހަމަޖައްސާފައި ހުރުން ކަމަށެވެ. ހިޖުރައިގެ ހަތަރު މަސްކުރިން އަބޫބަކުރުގެފާނު ވަނީ ދަތުރުގެ ސަވާރީ ތައްޔާރުކުރައްވަން ފައްޓަވާފައެވެ.

ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެއެވެ. އެގޮތުން، މައްކާގެ މީހުން ބޮޑު އިނާމު ހުށަހަޅައިގެން ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދަން ކުރި މަސައްކަތް ނާކާމިޔާބު ކުރައްވާ އެކަލޭގެފާނަށް ނަސްރު ދެއްވިއެވެ.

"މުސްލިމް އަޚުންނޭ! ކަންކަމުގައި ﷲއަށް ވަކީލުކުރަން ޖެހޭކަމީ، ހިޖުރައިގެ މި މަތިވެރި ހާދިސާއިން އަޅަމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅެވެ. ﷲއަށް ވަކީލުކުރުމަކީ އެއްވެއް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުމެއް ނޫން. ވަކީލުކުރުމަކީ ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، ﷲގެ ހަޒުރަތުން ރައްކާތެރިކަން ލިބޭނެކަމަށް ޔަގީންކޮށްގެން ތިބުން،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް