އުރީދޫއާއި ޕީއެސްޖީ އެކެޑަމީ ގުޅިގެން ފުޓުބޯޅަ ކޯޗިން ކްލިނިކެއް ބާއްވައިފި

ޕީއެސްޖީ އެކަޑަމީއާއި ގުޅިގެން ބޭއްވި ސެޝަނެއްގެ ތެރެއިން ---- ފޮޓޯ/ އުރީދޫ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭ-ޖޭ އޮކޯޗާއާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޑިޑިއޭ ޑޯމީ ރާއްޖެއަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން، ޕީއެސްޖީ އެކެޑަމީން ރާއްޖޭގައި ޚާއްސަ ކޯޗިން ކްލިނިކެއް ބާއްވައިފިއެވެ.

އުރީދޫއިން ބުނީ، އިއްޔެ މާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި މި ހަރަކާތުގައި 120 ޒުވާން ކުޅުންތެރިން ބައިވެރިވި ކަމަށެވެ. އަދި ސިރިލް ކްލޮސެކް އާއި އެޑުއާޑޯ ސަންޓޯސްގެ ތަޖުރިބާކާރު އިރުޝާދުގެ ދަށުން، އެ ކްލަބުގެ އުކުޅުތައް ދަސްކުރުމުގެ ފުރުސަތު އެ ކުދިންނަށް ލިބުނު ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، މި ކޯޗިން ކްލިނިކްގެ މަގްސަދަކީ ފުޓްބޯޅައަށް ޝައުގުވެރިވާ ޒުވާން ކުޅުންތެރިންނަށާއި ކޯޗުންނަށް، ކުޅިވަރުގެ އެންމެ ހުނަރުވެރި އަދި ޝަރަފުވެރި ޕީއެސްޖީ އެކެޑަމީގެ ކޯޗުންގެ ކިބައިން އުނގެނުމުގެ ޚާއްސަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށެވެ.

ޕީއެސްޖީ އެކަޑަމީއާއި ގުޅިގެން ބޭއްވި ސެޝަނެއްގެ ތެރެއިން ---- ފޮޓޯ/ އުރީދޫ

މީގެއިތުރުން، ޒުވާން ކުޅުންތެރިންނަށް އުނގަންނައިދެވޭނެ ފަދަ ތަމްރީނުތަކާއި ތަރައްގީގެ ހުނަރުތައް ދިވެހި ކޯޗުންނަށް ދަސްކޮށްދީ، ޓްރެއިނިން ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އުރީދޫން މައުލޫމާތުދެއެވެ. އަދި، ކޯޗިން ކްލިނިކް ސެޝަންތަކުގައި، ޕީއެސްޖީގެ މެތަޑޮލޮޖީގެ ސަބަބުން ޒުވާން ކުޅުންތެރިންގެ ފުޓްބޯޅަ ޓްރެއިނިންތައް ސްޓްރަކްޗާ ކުރާނެ ގޮތްތައް ދިވެހި ކޯޗުންނަށް ދަސްކޮށްދެވުނު ކަމަށް އުރީދޫން ބުންޏެވެ.

އިތުރަށް އުރީދޫން ބުނީ، ޕީއެސްޖީ އެކެޑަމީ ސެޝަންތަކަކީ ފުޓްބޯޅައިގެ ހުނަރު ތަރައްގީކޮށް، ޓީމްވޯކް ކުރިއަރުވައި، އަންނަން އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސެޝަންތަކެއް ކަމަށެވެ. މި ސެޝަންތަކުގައި ޖޭޖޭ އޮކޯޗާ އަމަލީ ގޮތުން ބައިވެރިވެ، އޭނާގެ އަގުހުރި ޚިޔާލާއި ތަޖުރިބާތައް ޒުވާން ކުޅުންތެރިންނާ ހިއްސާކުރިކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް