އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް، ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަކޮށް ފާހަގަކޮށް ނިންމާލައިފިއެވެ.
އުރީދޫގެ އަހަރީ ދުވަހަކީ މިމަހުގެ އެއް ވަނަ ދުވަހެވެ.
މި މަސް ތެރޭ އެ ކުންފުނިން ވަނީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ހަރަކާތްތައް ބާއްވާ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް ގިނަ އާ ޚިދުމަތްތަކެއް ވެސް ތައާރަފުކޮށްފައެވެ.
އިއްޔެ ވަނީ، އަހަރީ ދުވަހާ ގުޅުވައި ފޯރިގަދަ ހަރަކާތްތަކެއް ބާއްވާ، 19 ވަނަ އަހަރީ ދުވަސް ފާހަގަކޮށް ނިންމާލާފައެވެ.
އެގޮތުން އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ފޯމް ޕާޓީއެއް ބާއްވައިފައެވެ. އެ ޕާޓީގައި ކުޑަކުދިންނާ ގުޅޭ ތަފާތު ގޭމުތައް ވެސް ހިމަނައިފައިވެއެވެ. އަދި އެކި ވައްތަރުގެ ރޮބޮޓްތައް ވެސް މި ހަރަކާތުން ފެނުނެވެ.
އުރީދޫން ފާހަގަކުރި ގޮތުގައި މި އިވެންޓަށް ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބުނެވެ.
އަހަރީ ދުވަސް ފާހަގަކުރުން ނިންމާލުމުގެ ގޮތުން ރޭ ވަނީ ޚާއްސަ "އުރީދޫ ގިގް ނައިޓް"ގެ ނަމުގައި ޚާއްސަ ޝޯއެއް ވެސް ބާއްވާފައެވެ. މި ޝޯގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުން ބައިވެރިވިއެވެ.
ރޭ ސެންޓްރަލް ޕާކުގައި އޮތް މި ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ހުށަހެޅުންތަކާއި، ދިވެހި ބޭންޑެއް ކަމަށްވާ ދަ ފުލް ސާކަލްގެ ހުށަހެޅުންތައް ވެސް ފެނިފައިވެއެވެ.
އުރީދޫން ވަނީ 19 ވަނަ އަހަރީ ދުވަހާ ގުޅުވައި 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށް، އިތުރު އާ ޚިދުމަތްތަކެއް ވެސް ތައާރަފުކޮށްފައެވެ.
އެގޮތުން އެ މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެކަން ފާހަގަކޮށް އުރީދޫން މީގެ ކުރިން ބުނީ ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއް ލިބޭނެކަމަށެވެ. މި ޚިދުމަތް 22 ރަށަކާއި ފަސް ރިސޯޓަކަށް ވަނީ ފުޅާވެފައެވެ.
ހަމައެއާއެކު ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވާ މަސްރޭސް މިއަހަރު ވަނީ އަހަރީ ދުވަހާ ގުޅުވައި ތިން ރަށެއްގައި ބާއްވާފައެވެ. މި މުބާރާތުގައި ތިން ރަށުގައި ބާއްވާ މަސް ރޭހުން ވެސް އެއްވަނަ ޓީމަކަށް 25،000 ރުފިޔާ އިނާމެއްގެ ގޮތުގައި އުރީދޫން ވަނީ ދީފައެވެ.
އުރީދޫއިން ރާއްޖޭގައި ޚިދުމަތް ދޭން ފެށީ 2005ވަނަ އަހަރުގެ އޮގަސްޓުމަހުގެ އެކެއްގައެވެ.