ނުގަވައިދުން އުޅޭ 83 ބިދޭސީން އިއްޔެ ހޯދި، ޑީޕޯޓްކުރި މީހުންގެ އަަދަދު 1800އަށް

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން: އެ އޮޕަރޭޝަންގައި އިއްޔެ ވަނީ 83 މީހަކު ހިފަހައްޓާފައި -- ފޮޓޯ/ އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އައި 1800އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވައިލައިފައިވާ ކަމަށާއި އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ވެސް ނުގަވައިދުން އުޅޭ 83 ބިދޭސީން ހޯދައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އިއްޔެ މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.

އެއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާ އެއްގޮތަށް، އިމިގްރޭޝަން އިސްވެ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މި އަހަރު މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަން ކަމަށް އެ ބަޔާނުގައިވެއެވެ.

އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި މާރުކޭޓު ގޮތުގައި ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގައިފައިވާ ކަމަށެވެ. އެ މީހުން ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ޚިދުމަތުން ބުންޏެވެ.

އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނުނު ކަމަށް އެ ޚިދުމަތުން ބުންޏެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި، މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް