'ކިލް'ގެ ހޮލީވުޑް ރިމޭކެއް އުފައްދަނީ

ފިލްމު "ކިލް" އަދި ހޮލީވުޑް "ޖޯން ވިކް"ގެ މަންޒަރެއްގައި ދެ ފިލްމުގެ ލީޑް ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ

ތަޖުރިބާކާރު ޕްރޮޑިއުސަރުން ކަމަށްވާ ގުނީތު މޯންގާ އަދި ކަރަން ޖޯހަރު ގުޅިގެން ތައްޔާރުކޮށްފައިވާ ބޮލީވުޑް ފިލްމު "ކިލް"ގެ ހޮލީވުޑް ރިމޭކެއް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ކަރަންގެ ދަރުމާ ކުންފުންޏާއި ގުނީތުގެ ސިކިއާ އެންޓަޓެއިމަންޓް ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ރައިޓްސް ހޯދާފައިވަނީ މަޝްހޫރު ހޮލީވުޑް ފިލްމު ސީރީޒް "ޖޯން ވިކް"ގެ ޑައިރެކްޓަރު ޗާޑް ސްޓެހެލްސްކީގެ 87އިލެވެން އެންޓަޓެއިންމަންޓުންނެވެ.

މި ކުންފުނިން "ކިލް"ގެ ރިމޭކެއް އުފައްދަން ނިންމާފައިވާއިރު މާދަމާ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނެއެވެ. ނިކިލް ނާގޭޝް ބަޓް ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ އަލަށް ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވާ ލަކްޝް ލަލްވާނީއެވެ.

ހޮލީވުޑުން ފިލްމުގެ ރިމޭކްއެއް އުފައްދަން ނިންމުމާ ގުޅިގެން ކަރަން ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް މި ޚަބަރު ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ހޮލީވުޑްގެ އެންމެ މަގުބޫލު އަދި ކާމިޔާބު ފިލްމު ސީރީޒް "ޖޯން ވިކް"ގެ ޑައިރެކްޓަރު ޗާޑު ބުނެފައިވަނީ ފިލްމު "ކިލް"އަކީ މި ފަހުން އޭނާ ބެލި ބޮލީވުޑްގެ އެންމެ އަނިޔާވެރި އަދި އުފެއްދުންތެރި ފިލްމު ކަމަށެވެ.

ފިލްމު "ކިލް"ގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ކަރަން ޖޯހަރު އަދި ގުނީތު--ފޮޓޯ/ކޮއިމޮއި

ފިލްމު ރިލީޒް ވެސް ނުކުރަނީސް ހޮލީވުޑްގެ ކުންފުންޏަކުން ފިލްމުގެ ރައިޓްސް ގަތުމުން އެނގިގެންދަނީ ބޭރު ދުނިޔޭގައި ހިންދީ ސިނަމާގެ އުފެއްދުންތެރިކަން ބަލައިގަންނަ މިންވަރު ކަމަށާއި މިއީ މުޅި އިންޑިއާގެ ފިލްމު އުފައްދާ ސިނަމާތަކަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަންއާ އެކު ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ގުނީތު މޯންގާއަކީ ކުރު ފިލްމު "ދަ އެލެފެންޓް ވިސްޕަރަސް"އިން އިންޑިއާއަށް އޮސްކާ އެވޯޑު ވެސް ގެނެސްދިފާއިވާ މީހެކެވެ.

comment ކޮމެންޓް