ގެއަށް ގެންނަންވީ ކްލޭ ތެލި

ކެއްކުމަށް ބޭނުންކުރާ މަށީގެ ތަށިތަކެއް--ފޮޓޯ/ޕިންޓްރެސްޓް

ކެއްކުމަށް އާއްމުގޮތެއްގައި ބޭނުންކުރާ ތެލި ތަކަކީ ސިލްވަރު ނުވަތަ ދަގަނޑުން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ. ފަހަކަށް އައިސް ސެރަމިކް އުފެއްދުންތައް ވެސް ވަރަށް ގިނަ ގޭގެ ބަދިގެ ތެރެއިން ފެންނައިރު ކްލޭ ނުވަތަ މަށިން އުފައްދާފައިވާ ތަށިތަކުގައި ކެއްކުމަކީ މަދުން ނަމަވެސް ތެރެއިން ފެންނަ މަންޒަރެކެވެ.

އާއްމު ގޮތެއްގައި މަށީގެ ތަށިތަކުގައި ކެއުން ތައްޔާރުކޮށް ކާ އެއްޗެހި އަޅަން ބޭނުންކުރާ މަންޒަރު ފެންނަނީ އަވައްޓެރި އިންޑިއާއާއި ސްރީލަންކާ ފަދަ ޤައުމުތަކުންނެވެ.

ކެއްކުމުގެ އިތުރުން ފެން ބޯން އަދި ތަފާތު ވައްތަރުގެ ސައި ބޯލަން ވެސް މަށީގެ ތަށިތައް އެ ޤައުމުތަކުގެ ގިނަ ބަޔަކު ބޭނުންކުރެއެވެ.

މަށީގައި ސައި ބޯލަން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތަށިތަކެއް--ފޮޓޯ/އެމޭޒަންއިންޑިއާ
ގުދުރަތީ ބޭސްވެރިކަމުގެ މާހިރެއް ކަމަށްވާ ޑރ.ސޫރިޔާ ބަގަވަތީ ވިދާޅުވާ ގޮތުގައި މަށީގެ ތަށީގައި ކެއްކުމުން ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭތީ ލަފާ ދެނީ މަށީގެ ތަށީގައި ކެއްކުމަށެވެ.

މަށިން އުފައްދާފައިވާ ތަށިތަކުގައި ކައްކާއިރު ކޮންމެ ވެސް ވަރަކަށް ލަސްވުން އެކަށީގެންވީ ނަމަވެސް ކައްކާ ތަކެތި ފަސޭހައިން އަންދާލުމުގެ ފުރުސަތު ކުޑަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު މަށީގެ ތަށިތަކުގައި ކެއްކުމުން މޮއިސްޗާއާއި ނިއުޓްރިއަންޓް ގެއްލޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ.

މީގެ އިތުރުން، މިއީ ތިމާވެއްޓާ ވެސް ވަރަށް ރަޙުމަތްތެރި ގޮތަކަށް ކެއްކުމުގެ ވައްޓަފާޅި ގެންގުޅެވޭނެ ރަނގަޅު އާދައެއްގެ ގޮތުގައި ޑރ. ސޫރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ތަފާތު އެކި ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ މަށީގެ ތަށިތަކެއް--ފޮޓޯ/ޕިންޓްރެސްޓް
މަށީގެ ޕޮޓްތަކުން ކާނާގައި އެކުލެވޭ ކެލްސިއަމް، ފޮސްފަރަސް، މެގްނީޒިއަމް އަދި ސަލްފާ ފަދަ މުހިންމު ގިނަ ނިއުޓްރިއެންޓްތައް ގެއްލުން ދުރުކޮށްދޭއިރު، ކާއެއްޗެހީގައި ހުންނަ އެސިޑިޓީ ނިއުޓްރަލައިޒްކޮށް، ހަޖަމުކުރަން އެހީތެރިވެދެއެވެ.

މަށީގެ ގިނަ ތަށިތަކުގައި ކައްކާއިރު ކައްކަން އަޅާ ތެޔޮ ބޭނުންނުކޮށް ފަސޭހައިން ކައްކައި، ކާބޯތަކެތީގެ ފެޓް އެހެން އެއްވެސް ގޮތަކަށް ތައްޔާރުކުރާ ކާނާއަށް ވުރެ ވަރަށް ބޮޑަށް މަދުކޮށްދޭކަން ފާހަގަކޮށްލެވެއެވެ. އެހެންވެ، ތިޔަ ގެންގުޅޭ ތެލި ތަށިތަކުގެ ބަދަލުގައި މަށީގެ އުފެއްދުންތައް ބޭނުން ނުކުރާންވީ ސަބަބެއް ނެތެވެ.

comment ކޮމެންޓް