މަޖިލީސް މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލާފައި ވަނީ މާލީ ބަޔާން ހާމަކުރާ އުސޫލު ރަނގަޅަށް ސާފުނުކޮށް ކަމުގައި ރައްޔިތުންގެ މަޖިލީހުން މިރޭ ބުނެފިއެވެ.
މަޖިލިސް މެމްބަރުންގެ މާލީ ބަޔާން ހާމަނުކުރާތީ ޓްރާންސްޕޭރެންސީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން މަޖިލިސް އިދާރާއިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޓުވީޓުކޮށްފައި ވަނީ މާލީ ބަޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށް ކަމުގައެވެ.
މަޖިލީހުގެ ޤަވާއިދުގެ 68 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ޕޯސްޓުގައި ވަނީ، މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަންވާނީ، އެ މެންބަރެއް މެންބަރު ކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަ ވުމުން ކަމަށެވެ.
އެހެންކަމުން މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ އަންނަ އަހަރުގެ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރުފުރުމުން، އަންނަ އަހަރުގެ އޯގަސްޓު މަހުގެ 31ވަނަ ދުވަހުގެ ކުރިން ކަމަށްވެސް މަޖިލީސް އިދާރާއިން ވަނީ ބުނެފައެވެ.
މަޖިލީސް އިދާރާއިން ބުނީ ނިމިދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފާއިތުވި ހަތަރު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ހުންނާނެ ކަމަށެވެ.
އަދި އެބޭފުޅުންގެ ފަސް ވަނަ އަހަރުގެ މާލީ ބަޔާން ހުށައަޅަން ޖެހޭނީ އަންނަ އޯގަސްޓް މަހުގެ 31ވަނަ ދުވަހުގެ ކުރިން ކަމަށް މަޖިލީސް އިދާރާއިން ވަނީ ބުނެފައެވެ.