މި އަހަރުގެ ލިޔުންތެރީންގެ ދުވަހުގެ ޝިޢާރު ކަނޑައަޅައިފި

ފޮތް މައުރަޒެއްގެ ތެރެއިން: މި އަހަރުގެ ލިޔުންތެރީންގެ ދުވަހުގެ ޝިޢާރަކީ "ތަހުޒީބު މުޖުއަތަމައެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު"އަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހިބަހުގެ އެކެޑަމީއިން މި އަހަރުގެ ލިޔުންތެރީންގެ ދުވަހުގެ ޝިޢާރު ކަނޑައަޅައިފިއެވެ.

މި އަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ތަހުޒީބު މުޖުއަތަމައެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު" މި ޝިޢާރެވެ.

އެ ޝިޢާރާ ގުޅޭ ގޮތުން އެކެޑަމީން ބުނީ، މުޖުތަމައެއްގެ އާންމު ވިސްނުން ނުފޯރާ ހިސާބަށް ވިސްނަން ދަަސްކޮށްދެނީ ލިޔުންތެރީން ކަމަށާއި ގައުމެއްގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ބާރުއަޅައި، މުޖުތަމައަށް އަންނަ ޒަމާނީ ބަދަލު ރަނގަޅު މިސްރާބަކަށް ސީދާކުރުމުގައި ލިޔުންތެރީންގެ ދައުރު ބޮޑު ކަމަށެވެ.

ޚަބަރާއި މައުލޫމާތުގެ ޒަރިއްޔާއިން ރައްޔިތުންގެ ހޭލުންތެރި ކުރުމުގެ އިތުރަށް، ގައުމުގެ ތާރީޚު ވެސް ލިޔަނީ ހަމަ އެ މީހުން ކަމަށާއި މި އަހަރުގެ ލިޔުންތެރީންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރުން މުޖުތައަމުގައި ލިޔުންތެރީންގެ ދައުރުގެ މުހިންމުކަން ވިސްނައިދޭ ކަމަށް އެ އެކެޑަމީން ބުންޏެވެ.

މި އަހަރުގެ ލިޔުންތެރީންގެ ދުވަހާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް ވިދާޅުވީ، އެކެޑަމީގެ އެދުމަކީ ދިވެހި ލިޔުންތެރީން ގިނަވެ، ކުދީންނަށް ދިވެހިބަހުން ކިޔާނެ ތަކެތި އިތުރުވުން ކަމަށެވެ. އެ ގޮތުން މަޒުމޫނާއި، ވާހަކަ ފޮތްތަކާއި، ޅެންވެރިކަމާ ގުޅޭ ފޮތްތައް އިތުރުވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ލިޔުންތެރީންގެ ދުވަހެއް ފާހަގަކުރަނީ، އެމީހުންނަށް ހިތްވަރުދީ، އެ މީހުންގެ މަސައްކަތް ފާހަގަކުރުމަށެވެ. އަދި ދިވެހި ލިޔުންތެރިކަމަށް ޚިދުމަތް ކުރެއްވި އިހުގެ ލިޔުންތެރީންގެ ހަނދާން އައުކޮށް، އެ މީހުން ދިވެހިބަހަށާއި އަދަބަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމަށެވެ.

ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީއިން އަދަބީ މުބާރާތްތައް ބާއްވައެވެ. އެ ގޮތުން މި އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ މުބާރާތްތަކުގެ ތެރޭގައި، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި، ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް ހިމެނެއެވެ.

ދިވެހި ސަރުކާރުން ލިޔުންތެރީންގެ ދުވަހެއް ކަމުގައި ހަމަޖައްސާފައިވަނީ މީގެ 91 އަހަރު ކުރިން ''އަލްއިސްލާހް'' މަޖައްލާ ނެރެން ފެށި ދުވަހަށެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕުކޮށްގެން ނެރުނު މަޖައްލާއެވެ. އަލްއިސްލާހް މަޖައްލާގެ ފުރަތަމަ އަދަދު ނެރުނީ ޖުލައި 8، 1933ގައެވެ.

comment ކޮމެންޓް