އެމްޑީޕީން ނެގި ދަރަނީގެ ވާހަކަ ދައްކަން ފަށާއިރަށް އުޅެނީ ''މަތިޖަހަން'': ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް: ގާސިމް ވިދާޅުވީ އެމްޑީޕީން ނެގި ދަރަނީގެ ވާހަކަ ދައްކަން ފަށާއިރަށް އުޅެނީ މަތިޖަހަން ކަމަށް -- ފޮޓޯ/ މަޖިލިސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ވާހަކަ ދައްކަން ފަށާއިރަށް އެ ޕާޓީން އުޅެނީ އެ ވާހަކަ "މަތިޖަހަން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ދަރަނި ނަގާފައި އޮތަސް، އެ ވާހަކަ ކޮންމެހެން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ގާސިމް ވަނީ މިއަދު އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ގާސިމް މުޅިން ވެސް ތުހުމަތުކުރެއްވީ، ދަރަނި އެންމެ ބޮޑު ކުރީ މިދިޔަ ސަރުކާރުން ކަމަށެވެ.

...އެހެންނަމަވެސް ގިނަ ލާރި ޓެމްޕޮރަރީ ޝޯޓް ޓާމަށް ބޮޑު އަދަދު އަދަދުން ނަގާފައި ހުރީ ކާކު؟ ޕީޕީއެމްގެ ސަރުކާރުން ނަގާފައި އޮތް ކަމުގައި ވީނަމަވެސް އޭތި އެންރޯލް ކުރީ ކާކު؟ އާދެ މިދިޔަ ސަރުކާރުން! އެމްޑީޕީން! ޕީޕީއެމް ސަރުކާރުން ނެގި 200 މިލިއަން ޑޮލަރު ހޭދަކޮށް. އޭގެ ފަހުން އެމީހުން (އެމްޑީޕީން) ނަގާފައި އޮތް 200 މިލިއަން ޑޮލަރު ހަމަވަނީ. އެހެންވީމަ އެވާހަކަ ދައްކަން އަޅުގަނޑުމެން ފެށީމަ އެވާހަކަ މަތިޖަހަން އުޅުނަސް ކަމަކުނުދާނެ. އެވާހަކަ ދައްކަން އެބަޖެހޭ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

މިދިޔަ އެމްޑީޕީ ސަރުކާރުން ރިޔާސީ އިންތިޚާބާ ކައިރިކޮށް ސްޓެލްކޯއާއި ފެނަކައަށް މީހުން ވައްދާލީ ކިހިނެއްތޯ ސުވާލުއުފައްދަވާ، ގާސިމް ވިދާޅުވީ 'މަސްދޯނިތައް މަހަށް ފުރުނަ ނުދީ' އެ ކުންފުނިތަކުން މީހުންނަށް ވަޒީފާތައް ދީފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް: ގާސިމް ވިދާޅުވީ އެމްޑީޕީން ނެގި ދަރަނީގެ ވާހަކަ ދައްކަން ފަށާއިރަށް އުޅެނީ މަތިޖަހަން ކަމަށް -- ފޮޓޯ/ މަޖިލިސް

ގާސިމް ވިދާޅުވީ ގައުމުގެ އިގްތިސާދު ރަނގަޅުކޮށް މާލީ ހާލަތު ރަނގަޅުކުރުމަށް ދައުލަތުން އިސްލާހުކުރަންޖެހޭ ކަންކަމާ، ފިޔަވަޅު އަޅަންޖެހޭ ކުންފުނިތަކާ، ޒިންމާއެއް ނެތް ގޮތަށް ދީފައިހުރި ވަޒީފާތަކާ މި ހުރިހާ ކަމަކަށް ވިސްނުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެކަމަށްޓަކައި އަޅަން ހުރި ހުރިހާ ފިޔަވަޅެއް އަޅަން މަޖިލީހުގެ މެންބަރުން ތިބީ ތައްޔާރަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ހުރިހާ ފިޔަވަޅުތަކަށް މަރުހަބާ ދަންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޖޭޕީން އޮތުމަށްފަހު އެ ކޯލިޝަނާ އެ ޕާޓީން ވަކިވީ ރިޔާސީ އިންތިޚާބަށް ގާތްވެފައި ވަނިކޮށެވެ.

ނަމަވެސް މިދިޔަ ދައުރުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހުންނެވީ ދައުރު ނިމެންދެން ވެސް ހަމަ އެ މަގާމުގައެވެ.

comment ކޮމެންޓް