ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޮސްޓްރިއާ އަތުން ހޯދި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ތުރުކީ ދަތުރުކޮށްފިއެވެ.
ޖަރުމަނުގެ ލިޕްޒިގުގައި ކުޅުނު މި މެޗު ތުރުކީން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ޔޫރޯގެ ކުއާޓާއަށް ތުރުކީ ދަތުރުކުރި ތިންވަނަ ފަހަރެވެ. ތުރުކީ ވަނީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައެވެ.
މެޗުގެ ފެށުން އެންމެ ރަނގަޅަށް ފެނުނީ ތުރުކީގެ ފަރާތުންނެވެ. އެގޮތުންް މެޗު ފަށައިގެން ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ތުރުކީއަށް ލީޑު ނަގައިދިނީ މެރިހް ޑެމިރާލެވެ. މިއީ ފުރަތަމަ މިނެޓުގައި ލިބުނު ކޯނަރެއްގެ ތެރެއިން އޮސްޓްރިއާ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.
އޮސްޓްރިއާއިން ދެވަނަ ހާފަށް ގެނައި ބަދަލާއެކު، އެޓީމުން ހާފު ފެށީ ރަނގަޅު ކުޅުމަކާއެކުގައެވެ. ފިލިޕް މުވޭނީ އާއި ރޮމާނޯ ޝްމިޑްގެ ބަދަލުގައި ކުޅެން ނުކުތީ އެލެކްސެންޑާ ޕްރާސް އަދި މައިކަލް ގްރެގޮރިޗެވެ.
ވާރޭގެ ތެރޭގައި ކުޅެމުންދިޔަ މި މެޗުގައި ތުރުކީގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ކަމަށްވާ މެރިހް ޑެމިރާލެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ގުލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ޕޮޝް ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މައިކަލް ގްރެގޮރިޗެވެ.