ޑާކްރެއިންގެ އާ ޕްރޮޖެކްޓެއް، މިފަހަރު އެކްޝަން ތުރިލާއެއް

ޑާކްރެއިން އިން މަސައްކަތް ފަށާފައިވާ ޕްރޮޖެކްޓަށް ދީފައިވަނީ ކޯޑްނޭމް "ޑާކްރެއިން ޕްރޮޖެކްޓް 37" ---

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ މުޅީން އާ ޕްރޮޖެކްޓެއް އިއުލާނު ކޮށްފިއެވެ.

ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ޑާކްރެއިން އިން ދާދިފަހުން އިއުލާނު ކޮށްފައިވަނީ އެކްޝަން ތުރިލާ ފިލްމެކެވެ. އަދި ރަސްމީ ނަމެއް ދީފައި ނުވާ މި ޕްރޮޖެކްޓުގެ ކޯޑް ނަމަކީ "ޑާކްރެއިން ޕްރޮޖެކްޓް 37" އެވެ.

ސްޓޫޑިއޯއިން އުފައްދާ 37 ވަނަ އުފެއްދުން ކަމަށްވާ މި ޕްރޮޖެކްޓުގެ ޝޫޓިން އަންނަ މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ މުހައްމަދު އަލީ (މޮގާ) އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ) އާއި ރަވީ ފާރޫގު ޑައިރެކްޓު ކުރާ މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.

މި ފިލްމުގެ ކާސްޓުންނާ ގުޅޭގޮތުން މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވަމުން އަންނަނީ ޑާކްރެއިން އިން މިއަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިން އިން މިއަހަރު ނެރުނު ފިލްމު "ފުރޭތަ" އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ.

މި ފިލްމުގައި ރާއްޖޭގެ އިޖުތިމާއީ ހާލަތަށް އަލި އަޅުވާލާއިރު އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ވެސް ހޯދިއެވެ.

ޑާކްރެއިންގެ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތްތައް ކުރިއަށްދާއިރު މިހާރު އެންމެ ގަދައަށް ނިންމުމާ ގާތަށް ދަނީ ބިރުވެރި ކޮމެޑީ ފިލްމު "ބިބީ"ގެ މަސައްކަތެވެ. ޕްރޮޖެކްޓް 37ގައި މަސައްކަތް ކުރާ ޓީމުން ބިބީގައި ވެސް މަސައްކަތް ކުރަމުން އެބަ ދެއެވެ.

އޭގެ އިތުރުން ވެސް ހަޔަކަށް ވުރެ ގިނަ ތަފާތު ޕްރޮޖެކްޓެއް ޑާކްރެއިން އިން މިދިޔަ އަހަރު ވަނީ އިއުލާނު ކޮށްފައެވެ. މި ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް އެކި ސްޓޭޖުތަކުގައި ދަނީ ކުރިއަށެވެ.

comment ކޮމެންޓް