ބަނޑުފުރާ ކެވުނު ކަމުގެ އިހުސާސް ކުރެވެން ނަގަނީ ކިހާ ވަގުތެއް؟

ކެއުމަށް އިންސާފު ކުރުމަށްފަހު ބަނޑުފުރިފައިވާކަން އިހުސާސް ކުރުވަން ވަގުތު ނަގާ--ފޮޓޯ/ލައިވްސައިންސް

ކިތަންމެ ބޮޑަށް ބަނޑުހައިވެފައި ހުރުމަށް ފަހު ވެސް ހައިހޫނުކަން ފިލުވާލެވޭ ވަރަށް ކެއުމުން އެކަން ދެނެގަތުމަށް ނަގަނީ އެންމެ 20 މިނެޓުކަން އެނގޭހެއްޔެވެ؟

މިއީ ހިތްހަމަޖެހޭ މިންވަރަށް ކެއުމަށްފަހު ތިމާގެ ހަށިގަނޑަށް ދެން އިތުރު ކެއުމެއް ބޭނުން ނުވާކަން އަންގައިދިނުމަށް ސިކުނޑިން ފޮނުވާލަދޭ ސިގްނަލެކެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ކެއުމަކަށް އިންސާފު ކުރުމަށްފަހު ބަނޑު ފުރިއްޖެ ކަމުގެ އިހުސާސް ކުރެވެން މާގިނަ ވަގުތެއް ނުނަގައެވެ. އެހެންނަމަވެސް މިކަމުގައި ފޮރުވިފައިވާ ހަގީގަތަކީ އާއްމު ގޮތެއްގައި ކެއުމަށްފަހު ތަށިތައް ދޮވެ ސާފުކޮށް ބަދިގޭގެ ކަންކަން ނިންމުމުގެ ޒިންމާ ސިކުނޑީގައި ހުރުމުން އެކަން އިހުސާސް ވުމުގައި ހުރަސްތަކެއް ހުރި ކަމެވެ.

ކެއުމަށް ފަހު ބަނޑު ފުރުނު ނަމަވެސް ލުއި ކެއުންތަކަށް އިންސާފު ކުރުމަކީ ވަރަށް ގިނަ ބައެއްގެ އާދައެއް--ފޮޓޯ/އިކޮނޮމިކްޓައިމްސް

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްއަށް ނިސްބަތްވާ ގޭސްޓްރޯންޓެރޮލޮޖިސްޓު ޑރ. ނީނާ ނެންޑީ ބުނެފައިވާ ގޮތުގައި ކެއުމުގެ ބާވަތްތަކާއި، ކެއުމުގެ އާދަޔާ ހިލާފު އާދަތައް ހިމެނޭ ގޮތަށް، ކެއުމުގެ ވަގުތާއި ފުރިފައިވާކަމުގެ އިހުސާސް ކުރެވޭ ވަގުތާ ދެމެދު އޮންނަ ފަރަގުގެ ސީދާ މުއްދަތަކީ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް ބަރޯސާވާ ކަމެކެވެ.

ބަނޑުހައި ހޫނުކަމާއި ފުރިހަމަކަން ނުވަތަ ހިތްހަމަޖެހުމުގެ އިހުސާސްތައް މައިގަނޑު ގޮތެއްގައި ކޮންޓްރޯލް ކުރެވެނީ ހޯމޯންތައް، ހާއްސަކޮށް ބަނޑުގައި އުފެދޭ ބަނޑުހައި ހޫނުކަން އުފައްދައިދޭ ހޯމޯން ގްރެލިން އާއި ހަށިގަނޑުގެ ހުދު ފެޓް ސެލްތަކުން ދޫކުރާ ބަނޑުހައި ހޫނުކަން ދަމަހައްޓާ ހޯމޯންއެއް ކަމަށްވާ ލެޕްޓިން އިންނެވެ.

ކެއުމާއި ރޯދައަށް ހުރުން ފަދަ ކަންކަމުގެ ސަބަބުން ބައެއްފަހަރު ހަށިގަނޑުގެ ސެލްތަކަށް ނުތަނަވަސްކަން އިހުސާސް ކުރެވި ލެޕްޓިން ލެވެލް ވަރަށް ބޮޑަށް ހިފެހެއްޓެއެވެ. މީގެ އިތުރުން ބަނޑުން ޕީވައިވައި އާއި ޖީއެލްޕީ-1 އަދި ޕެންކްރިއަސް އިން އިންސިއުލިން ފަދަ އިތުރު ހޯމޯންތަކުން ކެއުމަށްފަހު ފުރިހަމަކަމުގެ އިހްސާސްތައް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ހަށިގަނޑަށް ރަގަޅު ފައިދާހުރި ކާނާ ކެއުމަށް އިސްކަންދިނުން މުހިއްމު--ފޮޓޯ/ދަ ޑިނަ ޑެއިލީ
ތަފާތު އެކި ވައްތަރުގެ މޭވާ އާއި ތަރުކާރީ އަދި ހޯލް ގްރެއިން ފަދަ ފައިބަ ގިނަ ކާނާތައް ކެއުމުން ހަށިގަނޑުގެ ސެލްތަކަށް ހިތްހަމަޖެހުން ލިބޭއިރު ފައިބަރު މަދު ދަޅުގައި ބަންދުކުރި ޕްރޮސެސްޑް ކާނާގެ ސަބަބުން ބަނޑު ފުރެންދެން ކެވޭ ކަމުގެ އިހުސާސް ކުރުވާލެއް ލަސްވާ ކަމަށް ޑރ. ނީނާ ނެންޑީ ވަނީ ބުނެފައެވެ.

ކްރިޓިކަލް ރިވިއުސް އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަންގެ ނަމުގައި 2022ވަނަ އަހަރު ނެރުނު ޖާނަލް ރިޕޯޓެއްގައި ޝާއިއުކޮށްފައިވާ ގޮތުގައި ފައިބަރަކީ ގްރެލިން އުފެއްދުން ހުއްޓާލުމަށާއި، ބަނޑުހައިހޫނުކަން ދަމަހައްޓައިދޭ ގަޓް ހޯމޯންތައް ބޭރުވުމަށް މަގުފަހިކޮށްދީ، ބަނޑުގެ ސްޓްރެޗް ރިސެޕްޓަރުތަކަށް ޕްރެޝަރު ފޯރުވައިދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާވަތެކެވެ.

comment ކޮމެންޓް