އަޖޭ ދޭވްގަން މުހިއްމު ރޯލް ކުޅުނު އެކްޝަން ކޮމެޑީ ފިލްމު "ސަން އޮފް ސަރުދާރު"ގެ ދެވަނަ ފިލްމަށް ބަތަލާގެ ރޯލަށް ޒުވާން ފިލްމީ ތަރި މްރޫނާލް ތާކުރު ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެ 12 އަހަރު ކުރިން ރިލީޒް ކުރި މި ފިލްމުގެ ދެވަނަ ބައި "ސަން އޮފް ސަރުދާރު2"ގެ ބަތަލާގެ ރޯލް ކުރިން ކުޅޭ ގޮތަށް ހަމަޖެހިފައި ވަނީ ބަތަލާ ސޮނާކްޝީ ސިންހާއެވެ. މި ފިލްމުގެ ފުރަތަމަ ބައިން ސޮނާކްޝީ ފެނުނުއިރު ބަތަލާ ޖޫހީ ޗާވްލާ ވެސް ފިލްމުގެ މުހިއްމު ރޯލްއަކުން ފެނުނެވެ.
ފިލްމު "ސަން އޮފް ސަރުދާރު"ގެ ސީކުއަލްއިން މްރޫނާލް ފެންނާނެ ކަމުގެ ރިޕޯޓުތަކާ އެކު ބަތަލާއަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ އެކަމާ އުފާފާޅުކޮށްފައެވެ. މި ފިލްމު ވާނީ މްރޫނާލްއާ އަޖޭ ދޭވްގަން އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމަށެވެ.
މިހާތަނަށް ސައުތު ސިނަމާގެ ގިނަ ފިލްމުތައް ކުޅެ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޒުވާން ބަތަލާއަށް ބޮލީވުޑްގެ އިތުރު ފިލްމަކުން ފުރުސަތު ލިބިފައިވާއިރު މްރޫނާލްއަށް ހިންދީ ސިނަމާއިން ރަގަޅު ރޯލްތައް ނުލިބޭތީ ބަތަލާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
އަޖޭ އާއި އެކްޓަރު ސަންޖޭ ދަތުގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނުނު "ސަން އޮފް ސަރުދާރު"ގެ ސީކުއަލްއިން ސަންޖޭ ފެންނާނީ ވިލެންއެއްގެ ރޯލްއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިފަހަރުގެ ފިލްމުގައި ވެސް ހެއްވާ މަޖާ ގިނަ ހާދިސާތަކެއް ފެންނާނެކަމުގެ ޔަގީންކަން ފިލްމު ގެނެސްދޭ ކުންފުނިން ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ވިޖޭ ކމާރު އަރޯރާ ޑައިރެކްޓް ކުރާ މި ފިލްމަކީ އަޖޭގެ އަމިއްލަ ފިލްމު ކުންފުންޏާ އެކު އިތުރު ދެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ ފިލްމެކެވެ.