ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 1.9 މިލިއަނަށް

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އާންމުންގެ ބަޔަކު ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރެއިޖްގެ އިރުމަތިން ފިލައިގެން ދަނީ. ފޮޓޯ/އިންގްލިޝް އަރަބިއާ

ޣައްޒާގައި ގެދޮރު ގެއްލިފައިވާ 1.9 މިލިއަން މީހުން އެބަތިބި ކަމަށް އދ.ގެ އިންސާނިއްޔަތާބެހޭ ކޯޑިނޭޓަރު ސިގްރިޑް ކާގް ވިދާޅުވެއްޖެއެވެ.

އިސްރާއީލުން އަނެއްކާވެސް ވަނީ ޚާން ޔޫނިސްގައި ތިބި އާންމުން އެ ސަރަހައްދުން ދިއުމަށް އަމުރުކޮށްފައެވެ.

އދ.އިން ލަފާކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން އެ އަމުރު ނެރުމާއެކު، އޭގެ އަސަރު އަލް ގަރާރާއާއި ބަނީ ސުހައިލާ އަދި ޚާން ޔޫނިސްގެ އެހެން ސަރަހައްދުތަކުން 250،000 މީހުންނަށް ކުރާނެއެވެ.

"އަނެއްކާވެސް އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނީ. އަދި މުޅި ޣައްޒާއިން 1.9 މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެ. ޣައްޒާގެ ސަރަހައްދުތަކުން މީހުން ނެރުމަކީ ވަރަށް ކަންބޮޑުވާކަމެއް،" އދ.ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން ކާގް ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސަރަހައްދުތަކަށް އެކަށީގެންވާ ވަރަށް އިންސާނީ އެހީ ނުލިބޭކަން ވެސް ކާގް ފާހަގަކުރެއްވިއެވެ. ޣައްޒާގެ ދެކުނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އާ މަގުތައް ހުޅުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ބަންދުކޮށްފައި އޮތް ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގު ހުޅުވަން ޖެހޭ ކަމަށް ވިދާޅުވެ، ޣައްޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީ އިތުރު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ކާގް ވަނީ ގޮވައިލައިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާއަކާ ގުޅިގެން، ހަމާސް ނައްތާލުމަށް ކަމަށް ބުނެ އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 37،925 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެ ހަމަލާ ބަދަލުކުރުންތަކުގައި އިސްރާއީލުގެ 1195 މީހުން ވެސް މަރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް