އިސްރާއީލަށް އަދިވެސް ހަމަލާދޭނެ ކަމުގެ އިންޒާރު ހިޒްބުﷲއިން ދީފި

ލުބުނާނުން އިސްރާއީލަށް ދިން ހަމަލާއެއްގައި އިސްރާއީލުގެ ހައިފާ ސަރަހައްދު ސުންނާފަތިވެފައި -- ފޮޓޯ: އޭއެފްޕީ

ވައިންނާއި އެއްގަމު މަގުން އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓުމަކަށް އަންނަދެން، އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒްބުﷲއިން ދީފިއެވެ.

ހިޒްބުﷲގެ އެކްޓިން ޗީފް ނާއިމް ޤާސިމް ވިދާޅުވީ އިސްރާއީލުން ލުބުނާނަށް ހަމަލާދީ އެ ޖަމާއަތުގެ އިސް ލީޑަރުން މަރަމުން ދިޔަ ނަމަވެސް އެމީހުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލާނެ ހަމައެކަނި ގޮތަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ހިޒްބުالله އިން ފޯކަސް ކުރަނީ ދުޝްމަނުންނަށް އަނިޔާ ދިނުމަށް ކަމަށެވެ. އޭނަ ވަނީ އިސްރާއީލުގެ ދެކުނަށް ދޭ ހަމަލާތައް އިތުރުކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

"އަޅުގަނޑުމެންނަށް ލުބުނާނާއި ފަލަސްތީނު، ނުވަތަ ފަލަސްތީނާއި ދުނިޔެ ވަކި ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން ހިޒްބުالله އާއި އިސްރާއީލުން އަންނަނީ ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ހަމަލާތައް ބަދަލުކުރަމުންނެވެ. ހަނގުރާމަ އިތުރަށް ވަރުގަދަވީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި، އިސްރާއީލުން އެގައުމަށް ބޮން އަޅަން ފެށުމުންނެވެ. އޭގެ ތެރޭގައި އާބާދީ ބޮޑު ވެރިރަށް ބެއިރޫތު ވެސް ހިމެނެއެވެ.

އޭގެ އެއް ހަފުތާ ފަހުން އިސްރާއީލުން ވަނީ ލުބުނާނަށް އެއްގަމުމަގުން ވެސް ހަމަލާތައް ދޭން ފަށާފައެވެ.

ލުބުނާނުގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނީ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 2350 މީހުން މަރާލާފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ޖުމްލަ 1،740 މީހުން މަރުވެފައިވާއިރު، ލުބުނާނުގެ ދެކުނާއި އިރުމަތީގެ ބައެއް ހިސާބުތަކުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ.

comment ކޮމެންޓް