ޔަހުޔާ ސިންވާރު އަވަހާކޮށްލައިފި ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފި

ހަމާސްގެ ލީޑަރު ޔަހުޔާ ސިންވާރު: ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައި -- ފޮޓޯ/އޭޕީ

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރު އަވާހަރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ ސަރަހައްދަކަށް ދިން ހަމަލާއެއްގައި ސިންވާރު އަވަހާރަވެފައިވާ ކަމަށާއި އެއީ ހަމާސްއިން ދިން ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފައެވެ.

އެކަމަށް ގުޅިގެން ހަމާސްއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

އިސްރާއީލުގެ މީޑިއާތަކާ ވާހަކަ ދެއްކި ސަލާމަތީ ބައެއް އޮފިޝަލުން ބުނީ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ހަށިތަކުގެ ޑީއެންއޭ ޓެސްޓް ހަދަން އިސްރާއީލަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ސިންވާރު ހިމެނޭ ކަމަށް އައިޑީއެފްއަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ވެސް ވަނީ ސިންވާރުގެ ހަށިގަނޑު ކަމަށް ބުނާ ހަށިގަނޑެއް ފެންނަ ވީޑިއޯއާއި ފޮޓޯތަކެއް ދައުރުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި ތާށިވެ، ބޮލަށް އަނިޔާވެފައިވާ މީހެކެވެ. ނަމަވެސް އެ ފުޓޭޖް ނަގާފައިވަނީ ކޮން އިރަކު ކޮންތަނަކު ކަމެއް ސާފެއް ނުވެއެވެ.

އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއިން ބުނީ އެ ހަމަލާ ދިނީ ޣައްޒާގެ ދެކުނުގެ ރަފަހު ސިޓީއަށް އަމާޒުކޮށްގެން އެއްގަމު މަގުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގެ މޭސްތިރި ކަމަށްވާ ސިންވާރަކީ އިސްރާއީލުގެ ވޯންޓެޑް ލިސްޓުގައި އެންމެ ކުރީގައި އޮތް އެއް ނަމެވެ.

ހަމާސްގެ ލީޑަރު ކަމަށް ސިންވާރު އައްޔަންކޮށްފައި ވަނީ ހަމާސްގެ ކުރީގެ ލީޑަރު އިސްމާއީލް ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް އިސްރާއީލުގެ ހަމަލާއެއްގައި އޭނާ މިދިޔަ ޖުލައި މަހު އަވާހާރަކޮށްލުމުންނެވެ.

އިސްރާއީލުން ވަނީ މިދިޔަ މަހު ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާއެއްގައި އެ ގައުމުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲގެ ލީޑަރު ޙަސަން ނަޞްރުﷲވެސް އަވަހާރަކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 42،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް