އިނިގިރޭސިވިލާތުން އިސްރާއީލުގެ 2 ވަޒީރަކަށް ފިޔަވަޅު އަޅަނީ

އިނިގރޭސިވިލާތުގެ ބޮޑު ވަޒީރު ކޭއާ ސްޓާމާ. ފޮޓޯ/ރޮެއިޓާސް

ފަލަސްތީނު ރައްޔިތުންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން އިސްރާއީލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗާއި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވިރަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިސްނަމުންދާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކޭއާ ސްޓާމާ އެގޮތަށް ވިދާޅުވީ، އިނގިރޭސިވިލާތާއި ފްރާންސް އަދި އަލްޖީރިއާއިން އެދިގެން ޣައްޒާގެ އިންސާނީ ހާލާތާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމަށް ތައްޔާރުވެފައިވަނިކޮށެވެ.

ސްޓާމާ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ވިސްނަވަމުން ގެންދަވަނީ ޣައްޒާގައި އޮތް ބަނޑުހައިހޫނުކަމަކީ އެ ގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ އިންސާފު ކަމަށް ބުނެ، ސްމޮޓްރިޗް ދެއްކެވި ވާހަކަތަކާއި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެ، ފަލަސްތީނު މީހުންނަށް އަނިޔާވެރިކަން ދައްކާ މީހުންނަކީ ބަތަލުން ކަމަށް ބުނެ ބެން ގްވިރް ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވަނީ، ޖުލައި މަހު އޭނާގެ އޭރުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީން އިންތިޚާބުން ބަލިވުމުގެ ކުރިން އިސްރާއީލުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރާވާފައިވާކަން މި ހަފުތާގެ ކުރީކޮޅު ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ސްމޮޓްރިޗާއި ބެން ގްވިރް ވެސް ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިންޒާރުގެ ސަބަބުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އެ މީހުންނަކަށް ބިރެއް ނުދެއްކޭނެ. އަހަރެން އަމަލުކުރަމުން ގެންދާނީ އިސްރާއީލުގެ އެންމެ މަތީ ގައުމީ މަސްލަހަތަށް ބަލާފައި،" ބެން ގްވިރް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

ސްމޮޓްރިޗް ވިދާޅުވީ، އިސްރާއީލުގެ ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރުމުގައި އެއްވެސް އިންޒާރަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

ސްޓާމާގެ ސަރުކާރުން ވަނީ އިނގިރޭސިވިލާތުގައި ކުރިން އޮތް ކޮންޒަވޭޓިވް ވެރިކަމާ ޚިލާފަށް، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓުކުރުން ހަނިކޮށް، ވަޒަންވެރިވެފައިވާ އެ ގައުމުގެ ބައެއް ޖަމިއްޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

comment ކޮމެންޓް