ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމަށް ބޭރު ކުންފުންޏަކާ ހަވާލުކުރި ޕްލިސް ސްޓޭޝަންތަކުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނުވާތީ އެކަން ހިނގައިދިޔަގޮތް ބެލުމަށް އޮޑިޓްކުރަމުން ދާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އޭނާ ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތުމުން، އެ މަޝްރޫއު ހިންގާފައި އޮތް ގޮތެއް ބަލަމުން އަންނަ ކަމަށެވެ.
"މި ޕްރޮޖެކްޓަކީ ފުލުހުންގެ އިންފްރާސްޓްރަކްޗާ ޑިވޮލޮޕްކުރުމަށް ލިބުނު ޕްރޮޖެކްޓެއް ނަމަވެސް ޕްރޮޖެކްޓް އެވޯޑް ކުރުމާއި ޕްރޮޖެކްޓް ހިނގާދިޔަ ގޮތަކީ އަޅުގަނޑުމެންނަށް އެނގިގެން ހިނގާފަ އޮތް ކަމެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އޮޑިޓް ހެދުމުން، އެ މަޝްރޫއަށް ވެފައި އޮތް ގޮތް އެނގޭނެ ކަމަށާއި އެ މައުލޫމާތު ސާފު ކުރުމަށްފަހު ހިއްސާ ކުރާނެ ކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ރަށްތަކުގައި 61 ޕޮލިސް ސްޓޭޝަނެއް އަޅައި، 41.18 ޔޫއެސް ޑޮލަރުގެ މަޝްރޫއެއް ރާއްޖޭގައި ހިންގުމަށް އިންދިރާ ޕްރޮޖެކްޓްސް ކިޔާ އިންޑިއާގެ ކުންފުންޏަކުން 2019 ވަނަ އަހަރުގެ އޮގަސްޓު މަހު ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
އޭރު އޮތް ސަރުކާރުން އެކަމަށް އިޖާބަދިންއިރު ޝަރުތަކަށް އޮތީ، އެ ޕްރޮޖެކްޓުގެ 85 އިންސައްތައަށް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމަށާއި، އަނެއް 15 އިންސައްތަ ރާއްޖޭގެ ސަރުކާރުން ފައިނޭންސް ކުރަން ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޔޫއެސް ޑޮލަރުގެ އެޑްވާންސެއް ދިން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އޭގެ ފަހުން ކުރެވިފައި ހުރި މުއާމަލާތްތަކުން ރާއްޖެއިން އެ ކުންފުންޏަށް ދެއްކި ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.