ރާއްޖެތެރޭގެ ރަށްތަކުގައި 61 ޕޮލިސް ސްޓޭޝަން އަޅަން އިންޑިއާގެ ކުންފުންޏަކަށް ރާއްޖެއިން ދެއްކި 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގިގެން، އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި، ހޯމް ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، 61 ޕޮލިސް ސްޓޭޝަނެއް އަޅައި، 41.18 ޔޫއެސް ޑޮލަރުގެ މަޝްރޫއެއް ރާއްޖޭގައި ހިންގުމަށް އިންދިރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން 2019 ވަނަ އަހަރުގެ އޮގަސްޓު މަހު ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
އޭރު އޮތް ސަރުކާރުން އެކަމަށް އިޖާބަދިންއިރު ޝަރުތަކަށް އޮތީ، އެ ޕްރޮޖެކްޓުގެ 85 އިންސައްތައަށް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމަށާއި، އަނެއް 15 އިންސައްތަ ރާއްޖޭގެ ސަރުކާރުން ފައިނޭންސް ކުރަން ކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޭރުގެ ސަރުކާރުން މިކަމަށް އިޖާބަ ދިނުމުން، އެގޮތަށް ޕްރޮޖެކްޓް ޕްރޮޕޯސަލެއް ހަދައި އެގްރިމެންޓެއް ހެދި ކަމަށެވެ.
އެއަށްފަހު ރިކޯޑުތަކުން ފެންނަ ގޮތުން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންދިރާ ޕްރޮޖެކްޓްސް، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޕާޓްނާޝިޕަކަށް ރާއްޖޭގައި ބަދަލުކޮށް، ރެޖިސްޓްރީ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭރުވެސް އެ ކުންފުނިން މި ޕްރޮޖެކްޓަށް އެއްވެސް ފައިސާއެއް ނުދޭ ކަމަށާއި އެހެން އޮއްވައި ރާއްޖޭގެ ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޔޫއެސް ޑޮލަރު ދައްކައިފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
އޭރުވެސް އެއްވެސް ޕޮލިސް ސްޓޭޝަނެއް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގައިފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ ބޭންކުން އެ ލޯނު ނުދޭން ނިންމައިފައިވާކަން މިދިޔަ އަހަރުގެ އޭޕްރިލް މަހު އިންދިރާ ޕްރޮޖެކްޓްސްއިން ސަރުކާރަށް އެންގި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ފަހުން ކުރެވިފައި ހުރި މުއާމަލާތްތަކުންވެސް ރާއްޖެއިން އެ ކުންފުންޏަށް ދެއްކި ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު އެ ކުންފުންޏާ އެއްކޮށް ހެދި ޖޮއިންޓް ވެންޗާ ރޫޅުނުކަމަށް އެ ކުންފުނިން އަންގައިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހިލޭ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށްވެސް އެ ކުންފުނިން މީގެ ކުރިން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑު މިއުޅެނީ އަދި އަދަށްދާންދެންވެސް މި ދެންނެވި ކުންފުނި ހުރި ތަނެއްވެސް އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއްވެސް. އެ ކުންފުނީގެ ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތެއް ވެސް އަދި ނުހޯދިގެން،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކުގެ ކަންބޮޑުވުމެއް ކަމަށެވެ. ރައީސް މިހާރު ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް އެ ޕޮލިސް ސްޓޭޝަންތަކާ ބެހޭ ގޮތުން ކައުންސިލުތަކުން ވަރަށް ގިނައިން ސުވާލު ކުރާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
comment ނާދިރާ
1 year 1 month ago
ކޮބާ އޭ.ސީ.ސީ. ނިދާފަދޯ؟ ކޮބާ އޮޑިޓަރ ޖެނެރަލް؟ 2019ގެ އޮޑިޓްގައި ތިކަން ފާހަގަނުވެދިޔައީވެސް ކީއްވެގެން. 3.6 މިލިއަން ޑޮލަރަކީ ހާދަ ފައިސާއެކޭ. ތިކަންކުރި ބަޔަކު ޝަރީއަތަށް ގެންނަންޖެހޭ. ފައިސާއަށް ވީނުވީއެއް ނޭނގޭކަމަށް ބުނުމަކީ ގާބިލްކަންނެތްކަން ދޭހަވާ ކަމެއް. ނޫނީ ތިކަން ފޮރުވަންކުރާ މަސައްކަތެއް. މިއުޅެނީ ޑޮލަރެއް އެކައުންޓަށް ވަނަސް ނޫނީ ބޭރުކުރަން އުޅުނަސް ބޭންކުން ގައިގާ އަލިފާން ރޯކޮށްގެން އުޅޭހެން. ތިމައްސަލަ މިހާރުން މިހާރަށްބަލަންޖެހޭ.
comment ކާން
1 year 1 month ago
ޢެ ސުޓޭޝަންތަށް ހުންނާނީ އިންޑިޔާގަ މިހާރު އަޅާފަ.