ބޯޓެއް ޓާބިއުލެންސެއްގައި ޖެހި 30 މީހަކަށް އަނިޔާވެއްޖެ

އެއާ ޔޫރޮޕާގެ ބޯޓެއް. ޓާބިއުލެންސެއްގައި ޖެހި އެ އާލައިންގެ ބޯޓެއް ވަނީ ބްރެޒިލްގައި އިމާޖެންސީކޮށް ޖައްސައިފައި. ފޮޓޯ/ބީބީސީ

ވައިގެ ފްލޯއަށް އަންނަ ބަދަލާ ގުޅިގެން އުފެދޭ ކުއްލި އަދި ބާރުގަދަ ލޮޅުންތައް ނުވަތަ ޓާބިއުލެންސްގެ އަސަރު ކުރި ފްލައިޓެއް އިމާޖެންސީގައި ބްރެޒިލަށް ޖައްސައިފިއެވެ.

އެ ހާދިސާގައި 30 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ހާދިސާ ހިނގައިފައި ވަނީ އެއާ ޔޫރޮޕާ ބޮއިންގް 787-9 ޑްރީމްލައިނާ މަތިންދާބޯޓު މެޑްރިޑުން މޮންޓެވިޑިއޯއަށް ދަތުރުކުރަމުން ދަނިކޮށެވެ. ޓާބިއުލެންސްގައި ޖެހުމުން ބޯޓު އިމާޖެންސީގައި ޖައްސާފައި ވަނީ ބްރެޒިލްގެ އިރުއުތުރުގައި އޮންނަ ނަޓަލް އެއާޕޯޓުގައެވެ.

ހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. ޒަހަމްވި 30 މީހުންގެ ތެރެއިން 10 މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެއާ ޔޫރޮޕާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި 325 ފަސިންޖަރުން ތިބި އެ ބޯޓު ޓާބިއުލެންސްގައި ޖެހުނީ އެޓްލާންޓިކް ކަނޑު މަތިން ދަތުކުރަނިކޮށް ކަމަށެވެ. އަދި އޭރު ބޯޓު ހުރީ ބްރެޒިލްގެ އައްސޭރިފަށާ ކައިރީގައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިޔަންމާ މަތިން ދަތުރުކުރަނިކޮށް ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއް ޓާބިއުލެންސެއްގައި ޖެހި އެތައް ބަޔަކު ޒަހަމްވި ހާދިސާ ހިނގިތާ ދުވަސްތަކަކަށްފަހުއެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި އިނގިރޭސި ރައްޔިތަކުން ވަނީ މަރުވެފައެވެ.

ޓާބިއުލެންސް އަކީ އެހާ އާންމު ކަމެއް ނޫން ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ނުރައްކާ އިތުރުވެދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް