ދިރާގާއި ސްޕާކްހަބްއިން އައްޑޫގައި 'ލީން ސްޓާޓްއަޕް' ބާއްވަނީ

ދިރާގާއި ސްޕާކްހަބްއިން މިމަހު އައްޑޫގައި 'ލީން ސްޓާޓްއަޕް' ހަރަކާތް ބާއްވާނެ -- ފޮޓޯ/ ދިރާގު

ދިރާގާއި ސްޕާކްހަބް ގުޅިގެން އައްޑޫގައި 'ލީން ސްޓާޓްއަޕް' ހަރަކާތް ބާއްވަން ތައްޔާރުވެއްޖެއެވެ.

ދިރާގުން ބުނި ގޮތުގައި، ވިޔަފާރިކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ބާއްވާ ލީން ސްޓާޓްއަޕް ހަރަކާތް އައްޑޫގައި ބާއްވާނީ މިމަހުގެ 19އިން 21އަށް އީކުއޭޓާ ވިލެޖުގައެވެ.

އެ ކުންފުނިން ބުނީ، ބޫޓްކޭމްޕެއްގެ ގޮތުގައި ކުރިއަށްގެންދާ އެ ހަރަކާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި ވިޔަފާރިކުރުމުގެ ހުނަރު އަށަގަންނަވައި އެކުރާ ވިޔަފާރިއެއްގައި އިސްރާފު މަދުކޮށް އެންމެ ފުރިހަމަ ގޮތެއްގައި ޚިދުމަތް ދެވޭނެ ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ.

މިއީ އައްޑޫގައި މި ހަރަކާތް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށް ދިރާގުން ބުނީ، އެ ބޫޓްކޭމްޕްގައި ދަސްކޮށްދެނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އާ ކުންފުނިތަކާއި އުފެއްދުންތައް ތަރައްގީ ކުރުުމުގެ މަސައްކަތަށް އިންގިލާބެއް ގެންނަމުން އަންނަ މެތޮޑޮލޮޖީތައް ކަމަށެވެ. އަދި ވަރަށް ގިނަ ކުންފުނިތަކުން މާކެޓް ޑިމާންޑް ރަނގަޅަށް ދިރާސާނުކޮށް މަސައްކަތް ފަށާކަން ފާހަގަކޮށް ދިރާގުން ބުނީ، ވިޔަފާރިއެއް ތަރައްގީ ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންމެ މުހިންމު ކަންތައްތައް އެ ބޫޓްކޭމްޕުގައި ކިޔައިދޭނެ ކަމަށެވެ.

އެ ބޫޓްކޭމްޕާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ރަޖިސްޓާވުމަށް ސްޕާކްހަބްގެ ވެބްސައިޓު ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީން ސްޓާޓަޕް ޕްރޮގްރާމް ބޭއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ. "ލީން ސްޓާޓްއަޕް މެޝިން" ޕްރޮގްރާމްތަކަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަޙައްދެއްގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ވޯކްޝޮޕެކެވެ.

comment ކޮމެންޓް