ގަވަރުނަރު ޒިންމާ އަދައެއް ނުކުރޭ: ނާޒިމް

އެމްއެމްއޭގެ ގަވަރުނަރު: އޭނާ ޒިންމާއަދާނުކުރާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ޒިންމާ އަދާނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ތުހުމަތުކުރައްވައިފިއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

އެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މިއަދު މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، ދައުލަތުގެ މަނިޓަރީ ޕޮލިސީއަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުވެފައި އޮތް ޒިންމާއެއް ކަމަށެވެ. އެކަމަކު، އަލީ ހާޝިމް އެ ޒިންމާ އަދާނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ފެންނަމަކުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާތީކީއެއް. މި ސަރުކާރު ވެރިކަމާ ހަވާލުވެގެން މިވީ ހަތް މަސް ދުވަސް ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައެއް ނުވޭ. މަޖިލީހަކަށް ވެސް ލިބިފައެއް ނުވޭ،" ނާޒިމް ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ގަވަރުނަރު ޒިންމާ އަދާނުކުރައްވާ ކަމަށް -- ފޮޓޯ/ މަޖިލިސް

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

މީގެ އިތުރުން، މެންބަރު ނާޒިމް ވިދާޅުވީ، ފިސްކަލް ޒިންމާގެ ބިލެއް ސަރުކާރުން ހުށަހެޅީ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކަމަށެވެ. އެގޮތުން، އެ ކަން ކުރުމަށް ސަރުކާރަށް ކުރެވެން އޮންނަނީ މައިގަނޑު ދެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ޓެކްސް ނެގުމާއި އެ ފައިސާ ހޭދަކުރުމެވެ.

އޭނާ ވަނީ ގިނަ މަސައްކަތްތެރިންގެ މުސާރަ ކުޑަވުމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ. އެގޮތުން ނާޒިމް ވިދާޅުވި ގޮތުގައި:

  • ޕެންޝަން ފަންޑަށް ކޮންޓްރިބިއުޓް ކުރާ 124،749 މީހުން އެބަތިބި
  • އޭގެ ތެރެއިން 30 އިންސައްތަ މީހުންނަށް ލިބެނީ އާންމު މުސާރައިގެ ގޮތުގައި 5،000 ރުފިޔާއަށް ވުރެ ކުޑަ އަދަދެއް
  • އަދި، 41 އިންސައްތަ މީހުން ނުވަތަ 51،193 މީހުންނަކީ 10،000 ރުފިޔާއަށް ވުރެ ކުޑަ މުސާރައެއްގައި އުޅޭ ބައެއް.

"ސަރުކާރުގެ މިއަދުގެ އަޒުމަކަށް ވެގެން މި އުޅެނީ ރާއްޖޭގައި މަސައްކަތްކުރާ މަސަައްކަތްތެރިންނަށް ރަނގަޅު އުޖޫރައެއް ލިބިދިނުން. އަދި، އެ މީހުންގެ އިގުތިސާދު ރަނގަޅުވާނެ ގޮތްތަކެއް ހަދައިދިނުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް