ކަންގަނާގެ ފަހު ފިލްމު ސެޕްޓެމްބަރުގައި

ސިޔާސީ މައިދާނަށް ނުކުމެ ކާމިޔާބު ހޯދި ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތުގެ ސިޔާސީ ފިލްމު "އިމަޖެންސީ" މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

އެކި ފަހަރު މަތިން ރިލީޒްކުރުން ލަސްވެ ތާރީޚު ބަދަލުވަމުން އައި މި ފިލްމުގެ އާ ޕޯސްޓަރާއެކު ފިލްމު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާކަން ބަތަލާ ވަނީ އިއުލާނުކޮށްފައެވެ. މި ނިމުނު ޖޫން މަހުގެ 14ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ނިންމި ނަމަވެސް ފިލްމު ރިލީޒްކުރަން ފަސްކުރީ ކަންގަނާ ލޯކް ސަބާގެ އިންތިޚާބުގައި ވަރަށް އަވަދިނެތިކޮށް އުޅެން ޖެހުމާ ގުޅިގެންނެވެ.

ބަތަލާ މަހިމާ ޗައުދްރީ ފިލްމު "އިމަޖެންސީ"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޒީ-ސްޓޫޑިއޯއާއި ކަންގަނާގެ އަމިއްލަ ކުންފުނި މަނިކަރުނިކާ ފިލްމްސް ގުޅިގެން ގެނެސްދޭ "އިމަޖެންސީ"އަކީ އިންޑިއާގެ ސިޔާސީ މަސްރަޙުގައި ހިނގި އެންމެ ނުތަނަވަސް ނާޒުކު ދަނޑިވަޅުގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ކަންގަނާ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުން ފެންނައިރު ފިލްމުގެ ކާސްޓުގައި އަނޫޕަމް ހޭރު، މަހިމާ ޗޯދުރީ،ޝްރެޔަސް ތަލްޕަޅޭ، މިލިންދު ސޯނަމް، ވިޝާލް ނައިރު އަދި ހާޓް އެޓޭކެއް ޖެހި މިދިޔަ އަހަރު މަރުވި އެކްޓަރު ސަތިޝް ކޯޝިކް ހިމެނެއެވެ.

އިންޑިއާގެ ލޯކް ސަބާ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ކަންގަނާ ވަނީ ކުރިމަތިލީ ދާއިރާއަށް ހޮވިއްޖެނަމަ ފިލްމު ކުޅުން އެއްކޮށް ހުއްޓާލާނެ ކަމަށް ބުނެފައެވެ. ފިލްމީ ދާއިރާ ދޫކޮށްލުމަށް ފަހު ސިޔާސީ މަސައްކަތްތަކަށް ވަގުތު ހުސްކޮށް އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ރައްޔިތުންނަށް ޚިދުމަތްކޮށް ދިނުމަށް ކެރިއަރު ގުރުބާން ކޮށްލާނެ ކަމަށް ބުނެފައިވާއިރު ފިލްމު "އިމަޖެންސީ"އަކީ ބަތަލާ ބެލުންތެރިންނަށް ފެންނާނެ އެންމެ ފަހު ފިލްމަށްވުމީ ވެސް އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް