ތުރުކީއަށް ޖެއްސި އިސްރާއީލުގެ މަތިންދާބޯޓަށް ތެޔޮ ފޯރުކޮށްދޭން ދެކޮޅު ހަދައިފި

އިސްރާއީލުގެ އެލް އެލް ގެ ބޯޓެއް ފްރާންސްގެ ނައިސް ބައިނަލްއަގްވާމީ އެއާޕޯޓުގައި ޖައްސައިފައި. ފޮޓޯ/އިންގްލިޝް އަރަބިއާ

އެމަޖެންސީކޮށް ތުރުކީލިވިލާތަށް ޖެއްސި އިސްރާއީލުގެ ގައުމީ އެއާލައިން، އެލް އަލްގެ ބޯޓަކަށް ތެޔޮ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ދެކޮޅު ހަދައިފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އެ ބޯޓު ތުރުކީވިލާތުގައި އެމަޖެންސީކޮށް ޖައްސައިފައި ވަނީ ބަލި މީހަކު ގޮވައިގެން ކަމަށްވެސް އެ އެއާލައިނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ބޯޓު ޖައްސަފައި ވަނީ ތުރުކީވިލާތުގެ އަންޓަލްޔާ އެއާޕޯޓަށެވެ.

ތެޔޮ ފޯރުކޮށްދޭން ތުރުކީވިލާތުގެ އެއާޕޯޓުގެ މުވައްޒަފުން ދެކޮޅު ހެދުމާ ގުޅިގެން އެ ފްލައިޓް ވަނީ ތެޔޮ ހޯދުމަށް ގްރީސްގެ ރޯޑްސްއަށް ދަތުރުކޮށްފައެވެ.

ނަމަވެސް ތުރުކީވިލާތުގެ ޑިޕްލޮމެޓިކް މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ބޯޓުން ދަތުރުކުރި ބަލި މީހާ އެ ގައުމަށް ބޭލުމަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ހުއްދަ ދީފައިވެއެވެ. އަދި އިންސާނިއްޔަތަށްޓަކައި ބޯޓަށް ތެޔޮ ފޯރުކޮށްދިނުމަށް ކަމާގުޅުންހުރި ކަންކަން ނިންމުގެ ކުރިން ބޯޓު ފުރައިގެން ދިޔައީ ކަމަށްވެސް އެ މަސްދަރުތަކުން ބުނެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ދަ ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވަނީ ބޯޓު ރޯޑްސްއަށް އުދުހުމުގެ ކުރިން އަންޓަލްޔާ އެއާޕޯޓުގައި އެތައް ގަޑިއިރެއް ވަންދެން އޮތް ކަމަށެވެ.

ތުރުކީވިލާތާއި އިސްރާއީލުގެ ގުޅުން ގޯސްވެފައި ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ފެށި ހަނގުރާމައިގެ ސަބަބުންނެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ކުރާ ސީދާ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ. އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އަކީ އިސްރާއީލުން ޣައްޒާގައި ކުރިއަށްދާ ލާއިންސާނީ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފަލަސްތީނުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާ ބޭފުޅެވެ. އަދި ތުރުކީވިލާތަކީ ފަލަސްތީނުގެ މިނިވަން ކަމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ.

ހަމާސް އަކީ އިސްރާއީލާއި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ފަދަ ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިންތިކުރާ ޖަމާއަތެކެވެ.

ހަމާސް ނައްތައިލުމަށް ކަމަށްބުނެ، އިސްރާއީލު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 37،877 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް