ޔޫއޭއީގެ މިސްކިތްތަކުގައި ދޭ ހުކުރު ޚުތުބާ ހޫނު މޫސުން ނިމެންދެން ކުރު ކުރުމަށް އަންގައިފި

ޔޫއޭއީގައި ހުންނަ އެންމެ މަޝްހޫރު އެއް މިސްކިތް، ޝެއިޚް ޒައިދު ގްރޭންޑް މިސްކިތް. ފޮޓޯ/އިންގްލިޝް އަރަބިއާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މިސްކިތްތަކުގައި ދޭ ހުކުރު ޚުތުބާ ހޫނު މޫސުން ނިމެންދެން ކުރު ކުރުމަށް އަންގައިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

އެގޮތުން ޚުތުބާ ހިމެނޭހެން ހުކުރު ނަމާދު ގިނަވެގެން 10 މިނެޓަށް ކުރު ކުރުމަށް ސަރުކާރުން ވަނީ މިސްކިތްތަކުގެ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ.

ޔޫއޭއީގެ ޖެނެރަލް އޮތޯރިޓީ ފޯ އިސްލާމިކް އެފެއާޒް، އެންޑޯމެންޓްސް، ޒަކާތް (އޭޑަބްލިޔުކިއުއޭއެފް) އިން ނެރުނު އަމުރަށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ކުރީކޮޅަށް ކަމަށް ޑަބްލިއުއޭއެމް އެޖެންސީން ބުނެއެވެ.

ޔޫއޭއީ ސަރުކާރުން އެގޮތަށް ނިންމީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން މިސްކިތްތަކަށް ދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އޭޑަބްލިޔުކިއުއޭއެފްއިން ބުނެއެވެ.

ޔޫއޭއީގެ ނޭޝަނަލް ސެންޓާ އޮފް މީޓިއޮރޮލޮޖީން ބުނާ ގޮތުގައި އެ ގައުމުގެ ހޫނުމިން މިދުވަސްވަރު 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވާއިރު، ބައެއް ސަރަހައްދުތަކުގައި ހޫނުމިން 50 ސެލްސިއަސްއަށް އަރައެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ޒިޔާރަތްކުރި 1،301 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 83 އިންސައްތަ މީހުންނަކީވެސް ހޫނުގަދަވުމުގެ ސަބަބުން މަރުވި މީހުންނެވެ.

comment ކޮމެންޓް