ދުންފަތުގެ އިސްތިއުމާލުކުރުމަކީ ލަސްލަހުން އަމިއްލަ ނަފުސު ގަތުލުކުރުން ފަދަ ކަމެއް ކަމަށާއި އެއީ އަމިއްލަ ނަފުސާއި، އާއިލާއަށް ވެސް ދެވޭ އަނިޔާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ ދުންފަތުން ލިބޭ ގެއްލުމުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ދުންފަތަކީ ވަރަށް ގިނަ ގޮތްގޮތުން ގެއްލުންހުރި އެއްޗެއްކަން އެ ކަމާ ގުޅޭ ގޮތުން ކޮށްފައިވާ އެންމެހާ ދިރާސާތަކުން ސާބިތުވެފައިވާ ކަމަށެވެ. އެކަމަކު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަން ކުރަނީ އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ކަމަށް ބުނެ، ޚުތުބާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ތިމާމެންގެ އަމިއްލަ އަތްތަކުން ތިމާމެންގެ އަމިއްލަ ހަށިތައް ހަލާކުގެތެރެއަށް ވައްޓައިލައެވެ. ބުރަ މަސައްކަތުން، ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދެއެވެ،" ޚުތުބާގައި ބުންޏެވެ.
ދުންފަތަށް ހޭދަކުރާ ފައިސާއަކީ އަމިއްލަ ބޭނުންތަކާއި، އަނބިދަރީންނަށާއި، ގާތްތިމާގެ މީހުންނަށާއި، ހާޖަތްތެރީންނަށް ހޭދަކުރެވިދާނެ ފައިސާކަން ހަނދާންކޮށްދީ ޚުތުބާގައި ބުނީ އެއްވެސް ފިކުރެއް ނެތި އަމިއްލަ އަތުން އަލިފާން ޖަހައި އެ ފައިސާ އަންދާލުން ހެޔޮނުވާނެ ކަމަށެވެ.
ޚުތުބާގައި ވަނީ ދުންފަތުން ލިބޭ ބައެއް ގެއްލުންތަކަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން، ފުއްޕާމޭގެ ކެންސަރު ޖެހެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމާއި، ލޭނާރުތަކުގައި ސަރުބީ ޖެހުމައި، ލޭހިނގުން ދަތިވެ ހޮޅިތައް ބެދެން މެދުވެރިވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުންކަން ވަނީ ހަނދާންކޮށްދީފައެވެ.
އަދި، އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރު ޖެހި، މަރުވާން މެދުވެރިވާ އެއް ސަބަބަކީ ވެސް ދުންފަތުގެ އިސްތިއުމާލުކުރުންކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމަކީ މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެއްކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެހެންވެ، އެ ކަމުން ދުރުހެލިވާން ވަނީ ނަސޭހަތްތެރިވެފައެވެ.
"ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެކެވެ. ވީއިރު، މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ޓަކައި، ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލާށެވެ!" ޚުތުބާގައި ބުންޏެވެ.
އިސްލާމް ދީނުގައި އޮންނަނީ ގެއްލުންދޭ ތަކެތިންނާއި ގެއްލުމަށް މަގުފަހިކުރާ ތަކެތިން ވެސް ދުރުހެލިވުންކަން ޚުތުބާފައި ފާހަގަކުރިއެވެ. އަދި، ގެއްލުންދޭ ތަކެތި ހަރާމްކަމަށް އިލްމުވެރިން އިއްތިފާގުވާ ކަމަށް ވެސް ޚުތުބާގައިވެއެވެ.
ޚުތުބާގައި ވަނީ ސިއްހީ ގެއްލުންތަކުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ. އަދި، އިސްރާފަކީ ވެސް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ދުންފަތުން ލިބޭ ސިއްހީ ގެއްލުންތަކުން ޒުވާން ޖީލު ސަލާމަތްކުރަން ސަރުކާރުން ވަނީ 2007ގެ ފަހުން އުފަންވާ ޖީލަށް ދުންފަތް އެއްކޮށް މަނާ ވެސް ކޮށްފައެވެ. އަދި، ވޭޕާއި އީ ސިނގިރޭޓުގެ ބާވަތްތައް ވެސް ވަނީ މަނާކޮށްފައެވެ. ސިނގިރޭޓުގެ އަގު ވެސް ވަނީ ފޮއްޓެއް 240 ރުފިޔާއާ ހަމައަށް ބޮޑުކޮށްފައެވެ. އެކަމަކު، ވަގަށް ދުންފަތުގެ ބާވަތް އެތެރެކުރާ މައްސަލަ ބޮޑެވެ.