ސައިކަލާއި ކާރާއި އެނާޖީ ޑްރިންކްސްއަށް ޑިއުޓީ އިނާޔަތް ކަނޑާލައިފި

ދަތުރުވެރިން ގެންނަ ތަކެތިން ޑިއުޓީ މަޢާފްކުރުމުގެ އުސޫލަށް އަމަލުކުރަން ފަށަނީ-- ފޮޓޯ: ފަޔާޒު މޫސާ

ސައިކަލާއި ކާރާއި އެނާޖީ ޑްރިންކްސް ޑިއުޓީ އިނާޔަތް ދިނުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ހިމަނައިފިއެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލް ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މަޢާފުކުރުމުގެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެގޮތުން އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމަށް ކަސްޓަމްސް އިން ކަނޑައަޅާފައިވާ މިންވަރަކީ، އެފްއޯބީގެ އަގުން 10،000 ރުފިޔާގެ ތަކެއްޗެވެ.

ކަސްޓަމްސްގެ އުސޫލުގެ ދަށުން މުދަލުގެ އަގު 10،000 އަށް ވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކަލޭރަޝަންސް ހުށަހަޅަން ޖެހެއެވެ.

ހަމަމިއާއެކު މުދަލުގެ އަގު 10،000 އަށް ވުރެ ކުޑަނަމަވެސް، އެތަކެތީގެ ބާވަތާއި އަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާ ނަމަ ގުޑްސް ޑިކަލޭރަޝަންސް ހުށަހަޅައި ޑިއުޓީ ދެއްކުމަށް އެ އުސޫލުގައި ވެއެެވެ.

މި އުސޫލުގެ ދަށުން ޑިއުޓީ އިނާޔަތް ދިނުން އިސްތިސްނާވާ ތަކެތި:

  • މޮޓޯ ސައިކަލް އަދި އޮޓޯ ސައިކަލް
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު
  • ހަތަރު ފުރޮޅުލީ އުޅަނދުފަހަރު
  • އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޕެއާ ޕާޓްސް
  • ސިންގަލް ޔޫސް ޕްލާސްޓިކްސް
  • އެނާޖީ ޑްރިންކްސް

ކަސްޓަމްސް އިން ބުނީ އެ ތަކެއްޗަކީ ދިވެހިރާއްޖޭގެ އެކްސްޕޯޓު އަދި އިމްޕޯޓް ކުރުމުގެ ގާނޫނުގެ ދަށުން، މިއަދުން ފެށިގެން ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާވާ ތަކެތި ކަމަށެވެ.

މި އުސޫލުގެ ދަށުން ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލަތްތަކަށްވެސް ޑިއުޓީ އިނާޔަތް ދިނުން އަންނަ އޮގަސްޓު މަހުން ފެށިގެން އިސްތިސްނާ ކުރުމަށް ވަނީ ނިންމާފައެވެ.

https://sun.mv/193573

comment ކޮމެންޓް