ގަވައިދާ ޚިލާފަށް ސިނގިރޭޓު ކޭސްތަކެއް ނެރުން: 67 މިލިއަން ރުފިޔާ ހޯދަން ކަސްޓަމްސްއިން ކޯޓަށް

ކަސްޓަމްސް ބިލްޑިންގް: ދެ ބޮންޑެޑްވެއާހައުސްއަކުން ގަވައިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ބަލަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނީ 'އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް' ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ތަނުގައި ހުންނަންޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި، މެންޗެސްޓާ ބްރޭންޑުގެ ރޯޔަލް ރެޑް 300 ކޭސް ސިނގިރޭޓު ގަވައިދާ ޚިލާފަށް އެ ތަނުން ނެރެފައިވާކަން ކަސްޓަމްސްއަށް ފާހަގަކުރެވުނު ކަމަށެވެ.

އޭގެ އިތުރުން 'އެސްޖީއެމް ބޮންޑެޑް ވެއާހައުސް' ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސް ޗެކްކުރިއިރު، އެތަނުގައި ހުންނަންޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި، އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވައިދާ ޚިލާފަށް ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަދި އެ ދެ ބޮންޑެޑް ވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށް، އެ މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47،183،011.86 ރުފިޔާއާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން ދައްކަންޖެހޭ 20،720،412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ޓަކައި ބަންޑާރަނައިބުގެ އޮފީހަށް ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއީ ޖުމުލަ 67.9 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްއިން ބުނީ ބޮންޑެޑް ވެއާހައުސް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ އާންމު ގަވައިދަށް މިހާރު އިސްލާހު ވެސް ގެނެސްފައިވާ ކަމަށެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ އެ ދެ މައްސަލަ ފުލުހުންނާ ގުޅިގެން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް