އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ ނެގުމުގައި އިތުރު ލުޔެއް ދޭން ކަސްޓަމްސްއިން ނިންމައިފިއެވެ.
ކަސްޓަމްސްއިން އަލަށް އެކުލަވައިލައިފައިވާ އުސޫލެއްގައިވަނީ، އަމިއްލަ ފަރާތްތަކުން ކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ދަތުރުވެރިން ގެންނަ ތަކެތިން މީގެ ކުރިން ޑިއުޓީ ނަގަމުން އައީ 6،000 ރުފިޔާއާ ހަމައަށް ކަމަށްވީ ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން އެ އަދަދު 10،000 އަށް އިތުރުވާނެ ކަމަށެވެ.
އެ އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުން ކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތީގެ އަގު 10،000 އަށްވުރެ ބޮޑުނަމަ އެ ތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންވާނެއެވެ. އެ މުދަލުން ޑިއުޓީ ނަގާނީ، 10،000 އުނިކުރުމަށް ފަހު ބާކީ އަންނަ އަދަދުން ކަމަށް ވެސް އުސޫލުގައިވެއެވެ.
އެ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގު 10،000 ރުފިޔާއަށް ވުރެ ކުޑަ ނަމަވެސް އެ ތަކެތީގެ ބާވަތާއި އަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު އެއީ އަމިއްލަ ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށް ވުރެ ގިނަ ތަކެތި ކަމަށްވާނަމަ ގުޑްސް ޑިކްލަރޭޝަން ހުށަހަޅައި ޑިއުޓީ ދައްކަންވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.
އެ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ކޮންމެ މީހަކަށް އޭނާ ގެންނަ ތަކެތިން ޑިއުޓީ މާފުކުރެވޭ ތަކެއްޗާއި އެތަކެތީގެ މިންވަރަށް ބަލާއިރު:
1/ ބޭނުންކުރަން ގެންގުޅޭ އަންނައުނު
2/ ބޭނުންކުރަން ގެންގުޅޭ އެކަށީގެންވާ އަދަދެއްގެ ގަހަނާއާއި އަތުރުކުރީ ގަޑިއާއި ގަލަން ފަދަ ތަކެތި
3/ ބޭނުންކުރަން ގެންގުޅޭ ޕޯޓަބަލް މިއުޒިކް އިންސްޓްރުމެންޓްސް، ޕޯޓަބަލް ސައުންޑް ރިޕްރޮޑަކްޝަން ޑިވައިސް، ޕޯޓަބަލް ރޭޑިއޯ، ޓީވީ، ކަލްކިއުލޭޓަރު، ކެމެރާ، ފޯނު، ލެޕްޓޮޕް، ޕޯޓަބަލް އޯޑިއޯ/ ވީޑީއޯ ޕްލޭޔަރު ފަދަ ތަކެތި
4/ އެކަށީގެންވާ އަދަދަކަށް ޓޮއިލަޓްރީ (ސައިބޯނި، ޝޭމްޕޫ، ސެންޓު ފަދަ ތަކެތި)
5/ ބޭނުންކުރަން ގެންގުޅޭ ބޭބީ ކެރިޖް، ސްޓްރޯލާ، ވީލް ޗެއާ އަދި ސާފްބޯޑު، ބޮޑީބޯޑް، ސްނޯކްލިން، މާސްކް/ ފިންސް ފަދަ ސްޕޯޓިން އިކުއިޕްމެންޓް
6/ ކިޔަން ގެންގުޅޭ ފޮތް، ނޫސް މަޖައްލާ ފަދަ ތަކެތި
އޭގެ އިތުރަށް ބޭރުގައި ތައުލީމު ހާސިލުކޮށްފައިވޭތޯ އާއި ބޭރުގައި ދިރިއުޅުނު މުއްދަތަށް ބަލައި ވެސް ޑިއުޓީ މާފުކޮށްދޭން ކަސްޓަމްސްއިން ނިންމައިފައިވެއެވެ.