ޑެންމާކު ކޮޅަށް ޖެހި ދެ ލަނޑާ އެކު ޖަރުމަނު ކުއާޓާއަށް

ޔޫރޯ 2024 ގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ޑެންމާކް 2-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް މުބާރާތް ބާއްވާ ޖަރުމަނުން ދަތުރުކޮށްފިއެވެ.

މެޗުގައި ދެ ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ފެނުނީ ވާދަވެރި ކުޅުމެކެވެ. އަދި، މޫސުން ގޯސްވެ، ގަދަޔަށް ވިދާ ގުގުރުމުގެ ސަބަބުން ފުރަތަމަ ހާފު ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް، މެޗުގެ ކުޅުން މެދުކަނޑާލަން ވެސް ޖެހުނެވެ. ކުޅުން ފެށީ 15 މިނެޓު ފަހުންނެވެ.

މެޗުގައި ޖަރުމަނުން ލީޑު ނެގީ 53 ވަނަ މިނަޓުގައެވެ. މިއީ ޑެންމާކް ޑިފެންޑަރު ޖޯކިމް އެންޑާސަން އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ ޕެނަލްޓީ ދިނީ އޯޑިއޯ ޓެކްނޮލޮޖީއާއި ވީއޭއާރުން ވެސް ޔަގީން ކުރުމަށް ފަހުއެވެ. މި ޕެނަލްޓީ ގޯލަށް ފޮނުވާލީ ކައި ހާވާޓްޒެވެ.

މީގެ އިތުރުން، ޑެންމާކުން ވަނީ ލަނޑެއް ޖަހާފައެވެ. ޖޯކިމް އެންޑަސަން މި ލަނޑު ޖެހި ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ޖަރުމަނުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 67 ވަނަ މިނެޓުގައެވެ. ޖަމާލް މުސިއާލާ މި ލަނޑު ޖެހީ ގޯލްއޭރިޔާ ކަނާ ދިމާލުން ފޮނުވާލައިގެންނެވެ.

ކުއާޓާ ފައިނަލްގައި ޖަރުމަނު ވާދަކުރަން ޖެހޭނީ ސްޕެއިންއާއި ޖޯޖިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

comment ކޮމެންޓް