އިސްރާއީލުން ލުބުނާނަށް ހަމަލާދީފިނަމަ، ސަރައްހަދީ ގައުމުތަކާ އެކު އިސްރާއީލާ ކުރިމަތިލާނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ މިޝަނުން އެގޮތަށް ބުނެފައިވަނީ އީރާނުން ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތް، ހިޒްބުﷲއާއި އިސްރާއީލުގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ފެށި ފަހުން ކޮންމެ ދުވަހަކުހެން އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ހަމަލާތައް ބަދަލުކުރެއެވެ.
ހަމަލާތައް މި މަހު ވަނީ އިތުރު ވެސް ވެފައެވެ. ލުބުނާނަށް ހަމަލާ ދިނުމަށް އިސްރާއީލުން ސަރުކާރުން ފާސްކޮށްފައިވާ ކަމަށް އިސްރާއީލުން އަސްކަރިއްޔާއިން ބުނެފައިވާއިރު، އެފަދަ ހަމަނުޖެހުމެއްގައި އިސްރާއީލުގެ އެކަކު ވެސް ސަލާމަތް ނުވާނެ ކަމަށް ރައްދުގައި ހިޒްބުﷲއިން ވަނީ ބުނެފައެވެ.
މިދިޔަ އޮކްޓޫބަރު މަހު ފެށި ޣައްޒާ ހަނގުރާމަ ފެށުނީ ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނަށް ހަމަލާ ދިނުމުންނެވެ. ހަމާސްއަށް ތާއީދުކުރާ އީރާނުން ވަނީ ހަމާސްގެ އެ ހަމަލާއަކީ ކާމިޔާބެއް ކަމަށް ބުނެފައެވެ. ނަމަވެސް، ހަމަލާ ދިނުމުގައި އީރާނުގެ އަތެއްވާ ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ވަނީ ދޮގުކޮށްފައެވެ.
އިސްރާއީލާ ކުރިމަތިލާނެ ކަމަށް އިރާނުން ބުނެފައިވާއިރު، ހިޒްބުالله ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ވެސް ވަނީ އިސްރާއީލުން ލުބުނާނާ ދެކޮޅަށް ބޮޑު ހަމަލާއެއް ދީފިނަމަ އެއްވެސް ހިފެހެއްޓުމެއް ގަވާއިދެއް ނެތި ހަނގުރާމަ ކުރާނެކަމުގެ އިންޒާރު ދެއްވައިފައެވެ.
އިސްރާއީލާއި ލުބުނާނުގެ ހަމަނުޖެހުންގަނޑު ފުޅާވަމުން އަންނައިރު، ޖަރުމަނުވިލާތާއި، ކެނެޑާ، ނެދަލެންޑްސް އަދި އެމެރިކާ ފަދަ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން ލުބުނާނަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އިސްރާއީލުގެ އުތުރަށް ހިޒްބުالله އިން ދިން ހަމަލާތަކާ އެކު ޔަމަނުގައި އީރާނުގެ ތާއީދު އޮންނަ ގްރޫޕްތަކުން ވަނީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ރަތް ކަނޑު ސަރަހައްދުން އިސްރާއީލަށް ދަތުކުރާ އާގުބޯޓުތަކަށް ވެސް ހަމަލާ ދޭން ފަށައިފައެވެ.