ރައީސްގެ އަމާޒަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމިއްޔަތެއް ބިނާކުުރުން: ނައިބު

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ނާއިޝް ނާހިދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމިއްޔަތެއް ބިނާކުރުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކީރިތި ޤުރުއާނަކީ މުސްލިމުން ދުސްތޫރު ކަމަށެވެ. އަދި އެ ފޮތް ގިނައިން އުނގެނުނު ވަރަކަށް ގިނަ އިލްމުތަކެއް ހާސިލްވެގެންދާނެ ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި ބާއްވާ ކީރިތީ ޤުރުއާންގެ އެންމެ ބޮޑު ދަރުބާރު ކަމަށެވެ.

ހަމަމިއާއެކު މުބާރާތް ބޭއްވުމަށް އަހަރަކަށް ވުރެ އަހަރެއް ހަރުދަނާކުރުމަށް އަދި ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ކަމަށް ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ނާއިޝް ނާހިދު

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގައި ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ހައިބަތާއި ޝަރަފު އިތުރުކުރާނެ ކަމަށެވެ.

"ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމިއްޔަތެއް ބިނާކުރެއްވުން. އިސްލާމީ ކަަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަން އެމަނިކުފާނުގެ ޒައާމަތުގައި މި ވޭތުވެދިޔަ ހަތްމަސް ދުވަސް ތެރޭގައި ވަނީ އިތުރުކުރައްވާފަ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ރީތިކޮށް ކިޔަވާ ޒުވާން ކުދިން މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރީތިކޮށް ޤުރުއާން ކިޔެވުމުގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ޤުރުއާން ކިޔަވައިދޭ އަދި ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ދޭ އިނާޔަތާއި އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ސްކޫލުތަކުގައާއި އެހެނިހެން މުއައްސަސާތަކުގައި ގުރުއާން މުބާރާތްތައް ބާއްވާކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ އެކަމުން ރަމްޒުކޮށްދެނީ ދީނީ ކަންކަމަށް ދިވެހިން ދޭ އަހަންމިއްތުކަން ކަމުގައެވެ.

މިރޭގެ ވާހަކަފުޅުގައި މުބާރާތުގައި ބައިވެރިވި ކުދިންނާ މުޚާތަބުކޮށް ނައިބު ރައީސް ވަނީ ގުރުއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ކުރާ ކަމެއްކަމަށް ނުހަދައި އަބަދުވެސް ކިޔަވަން އިރުޝާދު ދެއްވައިފައެވެ.

މިރޭ ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް