ވަކިވަކި މައްސަލަތަކަށް ހައްލެއް ގެނައުމުގެ ބަދަލުގައި އައްޑޫ ސިޓީއަށް ބޭނުން ވަނީ ޖުމްލަ ހައްލެއް ކަމަށާއި އެކަން ކުރުމަށް 300 މިލިއަނެއްހާ ޑޮލަރު ލޯނުގެ ގޮތުގައި ބޭނުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ރަށްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބޭތީ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމާއި، ފެން ލިބުމުގައި ދަތިވުމުގެ އިތުރުން އައްޑޫގެ ނަރުދަމާ ނިޒާމު ވެސް އޮތީ ހަމަ އެ ހާލަތުގައެވެ.
އެހެން އެކަންތައްތައް އޮއްވާ އައްޑޫގެ މަގުތައް މިހާރު ހަދައި ނިންމަނީއެވެ. ރަށުތެރޭގެ ކަރަންޓު ކޭބަލްތައް އޮތީ ބަދަލުކުރަން ޖެހިފައެވެ. ހަމައެގޮތަށް ނަރުދަމާގެ މަސައްކަތް ކުރަން ޖެހުނަސް އެ މަގުތައް އަނެއްކާ ވެސް ޖެހޭނީ ހަލާކުކޮށްލާށެވެ.
'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫއަށް ދިމާވެފައި އޮތް މި ހުރިހާ މައްސަލަތަކަކަށް ބޭނުންވަނީ ޖުމްލަ ހައްލެއް ކަމަށެވެ. ވަކިވަކިން މިކަންކަމަށް ހައްލެއް ގެންނަން އުޅެގެން ދެން ވެސް ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫއަށް ބޭނުންވާނީ ކޮންމެ ކަމެއްގައި ވެސް ޖުމްލަ ހައްލެއް! އެ ހައްލު ގެނެވޭނީ ބޮޑު ހޭދައެއް ވެސް ކޮށްގެން. އެހެންވީމަ މިދިޔަ ސަރުކާރުގެ ޕްލޭން އަޅުގަނޑަށް ކަމުދިޔަ. އެއީ 300 މިލިއަނެއްހާ ޑޮލަރު ލޯނުގެ ގޮތުގައި ނަގައިގެން އައްޑޫގެ މަސައްކަތްތައް ކުރަން.އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ގާތްގަނޑަކަށް އައްޑޫގެ ހުރިހާ ޔުޓިލިޓީ ޚިދުމަތްތަކަށް ވެސް ގިނަ ދުވަސްވެފައިވުމުން އަޕްގްރޭޑްކުރަން ޖެހިފައިވާކަން ނިޒާރު ފާހަގަކުރެއްވިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ
އައްޑޫގައި މިވަގުތު އޮތް ކަރަންޓުގެ ނެޓުވޯކަކީ ގާތްގަނޑަކަށް 25 އަހަރުވެފައިވާ ނެޓުވޯކެކެވެ. ގާތްގަނޑަކަށް 12 ވަރަކަށް މެގަވޮޓުގެ ކަރަންޓު އައްޑޫއަށް މިހާރު އެބަ ބޭނުންވެއެވެ. މިކަން ކުރުމަށް 18 ވަރަކަށް ޖަނަރޭޓަރު ބޭނުންވެއެވެ.
"މިސާލަކަށް އައްޑޫއަށް ބޭނުންވަނީ 12 މެގަވޮޓުގެ ކަރަންޓުކަމަށް ވާނަމަ 20 މެގަވޮޓުގެ ބެކަޕަކާ އެކީ މިކަން ކުރެވޭނީ. އެހެންނޫނީ އައްޑޫއަށް ދާއިމީ ހައްލެއް ނާންނާނެ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ރަށުތެރޭގައި މިހާރު އަޅާފައި އޮތް ހައި ވޯލްޓޭޖް ކޭބަލްތައް ވެސް ބަދަލުކުރަންޖެހެއެވެ.
"ކޮންމެ ފަހަރަކު ކަރަންޓަށް ހައްލެއް މި ގެންނަނީ ޖަނަރޭޓަރެއް ހަލާކުވާއިރަށް 800 ކިލޯވޮޓުގެ ނުވަތަ އެއް މެގަވޮޓުގެ ޖެނަރޭޓަރެއް ގެނެސްފާނެ. އަނެއްކާވެސް އޭތި ހަލާކުވާނެ. އޭގެ ބަދަލުގައި އަނެއްކާވެސް އޭގެ ކުޑަކުޑަ ޖެނަރޭޓަރެއް ގެނެސްފާނެ. މިގޮތަށް މިކަމަށް ހައްލެއް ނާންނާނެ،" ނިޒާރު ވިދާޅުވިއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކައިން ވަނީ އައްޑޫގައި އާ އިންޖީނުގެއެއް އަޅަން ފަށާފައެވެ. އެތަން މިހާރު ނިމުމަކަށް އައިސްފައިވާއިރު އެއީ ގާތްގަނޑަކަށް 40 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ އިންޖީނުގެއެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެއަށްފަހު އާ ސަރުކާރު އައުމާއެކު ޗައިނާގެ ކުންފުންޏަކާއެކު އައްޑޫގެ ކަރަންޓު އަޕްގްރޭޑްކުރުމަށް މިހާރު ވަނީ ސޮއިކޮށްފައެވެ.
އައްޑޫގެ ފެނާއި ނަރުދަމާގެ މައްސަލަ
ފެނުގެ ނެޓްވޯކަށް ބަލާއިރު މިއީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު އެޅި ނެޓްވޯކެކެވެ. އޭގެ ފަހުން މިވީ 14 އަހަރު އެ ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނެތްކަން ނިޒާރު ފާހަގަކުރެއްވިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އާބާދީ ވޭތުވެދިޔަ އަހަރުތަކުގައި ބޮޑުވެއްޖެކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ އެ މީހުންނަށް ޚިދުމަތް ބޭނުންވާ މިންވަރު ވެސް އިތުރުވެފައިވާ ކަމަށެވެ.
"ފެނުގެ ނިޒާމު އަޕްގްރޭޑް ނުވެ އޮތުމުގެ ސަބަބުން މިހާރު އެ މައްސަލަތައް ދިމާވަމުން މި އަންނަނީ. ދެން މިކަން ހައްލުކުރުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކުރަން. މި ވަގުތު އެ ގެނެވޭ ބަދަލާއެކު ފެނުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ،" ނިޒާރު ވިދާޅުވިއެވެ.
ހަމައެއާއެކު އައްޑޫގެ ނަރުދަމާގެ މައްސަލަ ވެސް އޮތީ "އެހާ ގޯސްކޮށް" ކަމަށް ނިޒާރު ވިދާޅުވިއެވެ. އެގޮތުން ބައެއް ސަރަޙައްދުތަކުން ނަޖިސް ބޭރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ހައްލުކުރުމަށް ފެނަކައިން މިހާރު މަސައްކަތް ކުރަމުން އަންނަނީ،"
އައްޑޫ މަގުހެދުން ކުރިއަށް، ނަމަވެސް މިއީ އަދި ހައްލެއް ނޫން
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިވަގުތު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 100 ކިލޯމީޓަރުގެ މަގު ހަދާނެއެވެ.
ނަމަވެސް މިއީ އަދި ހައްލެއް ނޫނެވެ. މޭޔަރު ވިދާޅުވި ގޮތުގައި ކަރަންޓުގެ މައްސަލައަށް ހައްލެއް ގެންނަން ވިޔަސް އަދި ފެނާއި ނަރުދަމާގެ ކަމެއް ހައްލުކުރަން ވިޔަސް ދެން ވެސް އެ މަގުތައް އަލުން ހަލާކުކުރަން ޖެހެއެވެ.
"އެކަން ހައްލުނުކޮށް އަނެއްކާ ވެސް މަގު ހަދާފައި މިވަނީ. މިގޮތަށް އިސްފަސްވާ ގޮތަށް ވެސް ވަރަށް ބައިވަރު ކަންކަން އެބަ ހިނގާ. ނަރުދަމާގެ މައްސަލަ ހައްލުކުރަން ޖެހިއްޖެ ނަމަ މީގަ ވަރަށް ބޮޑު އަގެއް އަދާކުރަންޖެހޭނެ. މިއޮއްހާ މަގުތަކުގެ ގާތަށް ނަގާ ތާރުތައް ނަގައި މިހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭނެ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އައްޑޫގެ ނެޓްވޯކުތައް އެ ހާލަތުގައި އޮއްވައި އެކަން ހައްލު ނުކޮށް މަގުތައް ހެދުމުން އަނެއްކާވެސް އެ މަސައްކަތް ބޭކާރުވާނެކަން ސިޓީ ކައުންސިލުން ތަކުރާރުކޮށް މިދިޔަ ސަރުކާރަށް ވެސް އަންގަމުން ދިޔަ ކަމަށެވެ.
މީގަ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބޭކާރު ޚަރަދު ސަރުކާރުން ކުރަން އެބަޖެހޭ. އައްޑޫއަށް ތަރައްގީގެ ރަނގަޅު ޕްލޭންތަކެއް އައިސްގެން ނޫން ގޮތަކަށް މިކަންކަން ހައްލުވެގެނެއް ނުދާނެ. އެހެންނޫނީ މި މަސައްލަތައް ދެން ވެސް ދިމާވާނެ. އައްޑޫގެ އެންމެ ބޮޑު މައްސަލައަކީ އެ ވަގުތަކަށް އެ ދިމާވާ ކަމެއް ހައްލުކުރަން މަސައްކަތްކުރެވިފައި އޮތުން. އެހެން ކުރީމާ އައްޑޫއަކަށް އެ ބޭނުންވާ މަގްސަދެއް ހާސިލެއް ނުކުރެވޭ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
މާލެ ފިޔަވާ ރާއްޖޭގައި އެންމެ އާބާދީ ބޮޑު ތަނަށް އައްޑޫ ސިޓީ ވާއިރު އަސާސީ ޚިދުމަތްތައް ފުރިހަމައަށް ނުލިބުމަކީ ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އެ 300 މިލިއަނެއްހާ ޑޮލަރުގެ ފައިސާ ހޯދައިގެން ނޫނީ އައްޑޫއަކަށް ހައްލެއް ނާންނާނެ ކަމަށެވެ. މިގޮތަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އައްޑޫގައި ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަށާއި ބޮޑު ސަރަޙައްދަކަށް ވުމާއެކު ޖުމްލަ ހައްލެއް މިކަމަށް ބޭނުންވާ ކަމަށް ތަކުރާރުކޮށް މޭޔަރު ވިދާޅުވިއެވެ.