ޖަލުގައި މަރުވި ޖަމީލަށް އަނިޔާކުރިކަމުގެ ތުހުމަތުތަކެއް

ޤައިދީން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ކަރެކްޝަނުން މިއަދު "ހޭހަން" އޮޕަރޭޝަން ފެށުން -- ފޮޓޯ/ ކަރެކްޝަން

ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލަށް ޖަލު ބަލަހައްޓާ އޮފިސަރުން އަނިޔާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

ޖަމީލުގެ މޫނު ފެންނަ ގޮތަށް، އޭނާ ނިޔާވެފައި އޮއްވައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު އަންނަނީ ޖަލު ބަލަހައްޓާ އޮފިސަރުން އޭނާއަށް އަނިޔާކޮށްފައި ވާކަމަށް ތުހުމަތުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ޖަމީލުގެ މޫނުގެ އެކި ތަންތަން ވަނީ ރަތްވެ ނޫފައިގެންފައެވެ. ފޮޓޯ ޝެއާ ކޮށްފައިވާ މީހަކު ވަނީ، ގައިގެ އެކި ތަންތަނުގައި ވެސް އެ ގޮތަށް ހުރި ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނާތު ޔުސްރީން ވިދާޅުވީ ޖަމީލް މަރުވުމާއެކު އެކަމުގެ ޚަބަރު ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަގުތުން ދީފައިވާނެ ކަމަށެވެ.

އަދި ޖަމީލުގެ މަރަކީ ގުދުރަތީ މަރެއްކަން ނުވަތަ ނޫންކަން އެނގޭނީ މިހާރު ކުރަމުންދާ ތަހުގީގު ނިމުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖަމީލުގެ މަރާ ގުޅިގެން ކަރެކްޝަންސްއިން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. އެގޮތުން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމުގައެވެ.

އަދި 12:45 ހާއިރު ޖަމީލުގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް މާފުށީ ސިއްޙީ މަރުކަޒާ ހަވާލާދީ ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާ އަކީ ނަފުސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

comment ކޮމެންޓް