ގިނަ މީހުން ދީނާ ދުރަށް ދަނީ ޞައްޙަ މައުލޫމާތު ނުލިބޭތީ: ޚުތުބާ

ބަޔަކު ނަމާދު ކުރަނީ: ތުބާގައި ބުނީ ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މައުލޫމާތު ނުލިބޭތީ ކަމަށް ---- ސަން ފޮޓޯ/ މުހައްމަދު މާވީ

ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މައުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ 'އިސްލާމް ދީނަކީ މެދުމިނުގެ ދީން'އެވެ.

ޚުތުބާގައި ފާހަގަކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި މިއީ އިންޓަނެޓުގެ ޒަމާން ކަމަށާއި އިންޓަނެޓުގައި އާންމުކުރާ ހުރިހައި ތަކެއްޗަކީ، ޞައްޙަ ތަކެތި ނޫން ކަމަށް ބުނެފައިވެއެވެ.

އެގޮތުން، އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަސްދަރުތަކަކުން ކަށަވަރުކުރެވޭ މައުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

އިންޓަނެޓުގައި ބައެއް މައުލޫމާތު ގެނެސްދީފައި ހުންނަނީ، ދީނުގެ ޞައްޙަ މަފްހޫމުތައް މުޅީން އޮޅޭ ގޮތަށް. އެ ފަދަ މައުލޫމާތު ގެނެސްދޭ ބަޔެއްގެ އަވައިގައި ޖެހުމުން، މީހުންގެ ޖާނާއި މާލަށް ގެއްލުންދޭން ޖެހިލުންނުވާ ހިސާބަށް، ބައެއް މީހުންގެ ވިސްނުން ބަދަލުވޭ. އެހެންކަމުން ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މައުލޫމާތު ނުލިބުމުގެ ސަބަބުން، ޚުތުބާ

އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާއިރު، އެ ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށައިފިކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނެއެވެ.

ޚުތުބާގައި ބުނީ، މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ ފިކުރު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާއި މުސްލިމުންނާ ދެމެދު އޮންނަ ޝަރުއީ ގުޅުންތައް ކެނޑޭނެއެވެ. ކައިވެނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެއެވެ. އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައިކަން ޚުތުބާގައި ބުންޏެވެ.

ހުކުރު ޚުތުބާ އަޑުއަހަން ތިބި ބައެއް: މިއަދުގެ ޙުތުބާގައި ބުނީ ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މައުލޫމާތު ނުލިބޭތީ ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ހަމައެއާއެކު ދެން ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރެވެ. ދީނުގައި އޮތް މެދުމިން ދޫކޮށް ހަރުކަށިވެ، ހައްދުފަހަނައަޅައި ދިއުމަކީ، ކީރިތި ރަސޫލާ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުން. އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ހުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައި ދިއުމެއް ނޫން. އަދި ފޭރާން އެޅުމުގައި ޝަރުއީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫން، ޚުތުބާ

މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ދީނުގައި ޝަރުއުކުރައްވާފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމަކީ ދީނުން ބޭރުވާ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

އިސްލާމް ދީނަކީ މެދުމިނުގެ ދީނެވެ. އެއީ، އެންމެ ފުރިހަމަ، އެންމެ ހެޔޮ، އެންމެ އަދުލުވެރި އަދި އެންމެ ލުއިފަސޭހަ ދީނެވެ. ހޭދަކުރުމުގައްޔާއި، އަޅުކަން ކުރުމުގައި ވެސް އެ ދީނުގައި އޮތީ މެދުމިންކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް