އީރާނުގެ ރައީސް އިންތިޚާބުކުރަން ވޯޓުލާން ފަށައިފި

އީރާނުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ކިޔޫގައި ޖެހިގެން -- ފޮޓޯ/އަލް ޖަޒީރާ

އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

ވޯޓުލާން ފަށާފައިވަނީ އީރާނު ގަޑިން މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ނިންމާލަން ހަމަޖެހިފައިވަނީ އިރުއޮއްސި ހައެއް ޖަހާއިރެވެ. ވޯޓުލާ ނިމުމާ އެކު ވޯޓު ގުނަން ފަށާނެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ މާދަމާއެވެ.

އީރާނުގެ އާ ރައީސަކު ހޮވަން އިންތިޚާބު ބާއްވަން ނިންމީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެންނެވެ.

އީރާނުގެ އިންތިޚާބާ ބެހޭ ގާނޫނުގެ ދަށުން އެ ގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުއެވެ. އެއީ، އީރާނުގެ ރައީސް ކަމަށް ރައީސީ އިންތިޚާބުވެ ވަޑައިގެންތާ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް، މެއި މަހުގެ 19 ވަނަ ދުވަހު ހެލިކޮޕްޓަރު ވެއްޓި ރައިސީ އަވަހާރަވުމާ ގުޅިގެން 50 ދުވަހުގެ ތެރޭގައި އާ ރައީސަކު ހޮވަންޖެހެއެވެ.

މި ފަހަރުގެ އިންތިޚާބުގައި ވެސް ވޯޓުލާން ދާ މީހުން ނިސްބަތް މަދުވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވޯޓުލީ މީހުންގެ ނިސްބަތް ވަނީ 48 އިންސައްތައަށްވުރެ ވެސް ދަށުގައެވެ. އެއީ، 1979 ވަނަ އަހަރު އީރާނުގައި އިސްލާމީ ޖުމްހޫރިއްޔާއެއް އުފެދުނު ފަހުން ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން ނުކުތް އަހަރެވެ.

އިރާނުގެ ރިޔާސީ އިންތިޚާބުގައި ހަ ބޭފުޅުން ވާދަކުރައްވައެވެ. ނަމަވެސް، އޭގެ ތެރެއިން ދެ ބޭފުޅުން މިހާރު ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ. އެއީ، ސަރުކާރުގެ އޮފިޝަލެއް ކަމުގައިވާ އާމިރު ހުސައިން ގާޒިއާދް ހާޝިމީއާއި ތެހްރާންގެ މޭޔަރު އަލީރެޒާ ޒަކާނީއެވެ.

ރިޔާސީ ރޭހުގައި މިހާރު ވާދަކުރައްވަނީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣާލިބު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، މަސްއޫދު ޔަޒްޝްކާން، ސީނިއާ ސެކިއުރިޓީ އޮފިޝަލް، ސައީދު ޖަލީލީ، ސެކިއުރިޓީ އޮފިޝަލް މުސްތަފާ ޔޫރް މަޙުމޫދެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ހުށަހެޅުއްވި ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޓޭޓުންގެ ޝަރުތު ހަމަނުވާ ކަމަށް ވެސް އީރާނުގެ ގާޑިއަން ކައުންސިލުން ކަނޑައަޅާފައިވެއެވެ. އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މަހްމޫދު އަހުމަދީނެޖާދާއި ތިން ފަހަރެއްގެ މަތިން މަޖިލީހުގެ ރައީސްކަން ކުރެއްވި އަލީ ލާރިޖާނީ ހިމެނެއެވެ.

ގާޑިއަން ކައުންސިލަކީ އީރާނުގެ ގާނޫނުއަސާސީގެ އެންމެ އިސް ވެޓިން ބޮޑީއެވެ. ޖުމުލަ 12 މެންބަރުން ހިމެނޭ އެ ކައުންސިލަށް ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވާދަކުރެވޭނީ ކޮންބައެއްތޯ ހޮވުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް