މިއޮތީ ކަމަނާގެ ރަސްމީ ޕޯސްޓަރު

ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"ގެ އެންމެ ފަހުގެ ފިލްމު "ކަމަނާ"ގެ އޮފިޝަލް ޕޯސްޓަރު އާންމުކޮށްފިއެވެ.

ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ތައްޔާރުކުރަމުން އަންނަ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުގައެވެ. އެގޮތުން އޯގަސްޓު މަހުގެ 27 ގައި ފިލްމު ޕްރިމިއާކުރާއިރު ފިލްމުގެ ޓިކެޓު މިހާރު ބުކްކުރެވޭނެއެވެ.

ސެޓާން ސްޓޫޑިއޯއިން އާންމުކޮށްފައިވާ ފުރަތަމަ ރަސްމީ ޕޯސްޓަރުގައި ފެންނަނީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ މަޝްހޫރު އެކްޓަރު މަރިޔަމް އައްޒައެވެ. ޕޯސްޓަރުގައި އައްޒަގެ ކެރެކްޓަރަށް އެކި ކަހަލަ ޖިސްމާނީ އަނިޔާތައް ލިބިފައިވާކަން ފެނިގެން ދެއެވެ. އަދި, އައްޒަ ފިލްމުގައި މާބަނޑު އަންހެނެއްގެ ރޯލުން ފެނިގެންދާނެކަން ވެސް ޕޯސްޓަރުން ފެނިގެންދެއެވެ.

https://www.instagram.com/p/C8t3tzUJ-Cx

އައްޒަގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އައިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމަކީ ހަގީގީ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ ކަމަށް ސެޓާން ސްޓޫޑިއޯއިން ބުނެއެވެ.

ކަމަނާގެ އިތުރު ރޯލުތަކުން ފެނިގެންދާނީ އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) އެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ މިދިޔަ އަހަރު ނެރުނު ލޯބީގެ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރުން ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މުނައްވަރު ވަނީ މީގެ ކުރިން ވެސް ދިވެހި މުޖުތަމައުގެ ތެރޭގައި ހިމެނޭ މައްސަލަތަކަށް ބަލައި އެކި ކަހަލަ ފިލްމުތައް ޑައިރެކްޓުކޮށްފައެވެ.

ފިލްމަށް ޓިކެޓު ބުކް ކުރުމަށްޓަކައި ގުޅާނީ 7458800 ނަންބަރަށް ކަމަށް ސެޓާން ސްޓޫޑިއޯއިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް