ކުރީގެ ދެ އަނބިން ދިރިއުޅޭ ހިސާބުން އާމިރު އިތުރު ގެއެއް ގަނެފި

ފިލްމީ ތަރި އާމިރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު އަދި އެންމެ ވިޔަފާރި ރަނގަޅު ބަންޑްރާ ކޮމްޕްލެކްސްއިން އެކްޓަރު އާމިރު ޚާން އިތުރު ގެއެއް ގަނެފިއެވެ.

މިއީ މި ސަރަހައްދުން އާމިރު ޚާން ގަތް 10ވަނަ ގެއެވެ.

ޒޫމް އެންޓަޓެއިންމަންޓްއިން ބުނެފައިވާ ގޮތުގައި ބަންޑްރާގެ އެންމެ ޕޮޝް ސަރަހައްދުން އާމިރު ޚާން މި ފަހަރު ގަތް ގޭގެ އަގު ހަ މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އާމިރު ޚާން މި ފަހަރު ގަނެފައިވާ ކޮމްޕްލެކްސްގެ އިތުރު އެޕާޓްމަންޓްތަކުގައި މިހާރު ވެސް އާއިލާގެ ވަރަށް ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަހުގެ 25ވަނަ ދުވަހު އާމިރުގެ އަމިއްލަ މިލްކިއްޔާތުގެ ދަށަށް އިތުރުވި ގޭގެ ސްޓޭމްޕް ޑިއުޓީގެ އަގުގެ ގޮތުގައި 376،000 ޑޮލަރު އާމިރު ޚާން ދައްކަން ޖެހުނުއިރު މި އިމާރާތް ހުންނަ ކޮމްޕްލެކްސްގެ އެހެން ދެ އިމާރާތެއްގައި އާމިރުގެ ކުރީގެ ދެ އަނބިން އަންނަނީ ދިރިއުޅެމުންނެވެ.

އާމިރު ޚާން ކުރީގެ ދެ އަނބިން ކަމަށްވާ ކިރަން އަދި ރީނާ ރޯއިއާ އެކު--ފޮޓޯ/ފޭސްބުކް
މުމްބާއީގެ އިތުރުން ވެސް އިންޑިއާގެ ޕަންޗްގަނީ، މުމްބާއީން ބޭރުގައި އަދި އުއްތަރު ޕްރަދޭޝްގައި ވެސް އާމިރު ޚާން ގަނެފައިވާ ގެތައް އެބަހުއްޓެވެ. އާމިރު ޚާން ފަހުން ގަނެފައިވާ ކޮމްޕްލެކްސްގެ ހުރިހާ އިމާރާތެއް ވެސް ކުރިއަށް އޮތްތަނުގައި ފެންވަރު ރަނގަޅުކޮށް އަލުން ހެދުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ލާލް ސިންގް ޗައްދާ"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރު މިހާރު ބޮޑަށް މަސައްކަތް ކުރަނީ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމުތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. ފިލްމު ކުޅުމާ ދުރުގައި ދުވަސްކޮޅަކު ހުރުމަށް ފަހު އާމިރު ވަނީ "ސިތާރޭ ޒަމީން ޕަރު"ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމިކަން އިއުލާނުކޮށް ފިލްމުގެ މަސައްކަތް ވެސް ފަށާފައެވެ.

comment ކޮމެންޓް