މާލޭގެ މަގުތަކުގެ ތޮށްޖެހުން ހައްލުކުރަން ދުބާއީއާއެކު މަޝްވަރާކޮށްފި

މާލޭގެ މަގުތަކުގެ ތޮށްޖެހުން ކުޑަކުރުމަށް ދުބާއީ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ)އާއެކު މަޝްވަރާކޮށްފި: މި މަޝްވަރާކުރުންތައް ބާއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިހާރު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

މާލޭގެ ބާރުބޮޑު މަގުތަކުގައި ތޮށްޖެހޭ ޖެހުން ކުޑަކުރުމަށް ދުބާއީ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ)އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކުރުންތައް ބާއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިހާރު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

މި މަޝްވަރާކުރުންތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މާލޭގެ ބާރުބޮޑު މަގުތަކުގެ ތޮށްޖެހުން ކުޑަކޮށް އެކަން ހައްލުކުރާނެ ޕްލޭންތަކަކާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.

އަދި މަޝްވަރާކުރެވުނު ޕްލޭންތަކުގެ ދަށުން އެކަމަށް ޓަކައި އާރްޓީއޭގެ ޓެކްނޮލޮޖީގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަޅުގަނޑުމެން މިއަދު ވާނީ އާރްޓީއޭ ދުބާއީއާއެކު އުފެއްދުންތެރި ބައްދަލުވުމެއް ބާއްވާފަ. އެގޮތުން އާރްޓީއޭ ދުބާއީގެ ޓެކްނޮލޮޖީއާއި ތަޖުރިބާގެ ޒަރިއްޔާއިން މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މަޝްވަރާކުރެވުނު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މާލޭގެ މަގުތައް ބާރުބޮޑުވެ ތޮށްޖެހުން ވަނީ އިތުރުވެފައެވެ. އެއްގަމުގައި ދުއްވާ އުޅަނދުތައް އިންތިހާއަށް ގިނަވެފައިވާއިރު ހިނގާ ބިނގާވެ އުޅެން ވެސް ދައްޗެވެ. އަމުދުން މާލޭގެ ޕާކިން މައްސަލައަށް ވެސް ހައްލެއް ނުލިބި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ.

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.

ނަމަވެސް ގިނަފަހަރަށް ޕާކު ކުރާނެ ތަންކޮޅެއް ނުލިބުމުގެ ސަބަބުން ގިނަ މީހުން އަންނަނީ ގަވާއިދާ ޚިލާފަށް ވެސް ޕާކު ކުރަމުންނެވެ.

comment ކޮމެންޓް