ޒަމީލާއި ދަރިފުޅުގެ ޖޫރިމަނާ އީސީން ބާތިލުކޮށްފި

ޒަމީލް (މ): އޭނާއާއި ދަރިފުޅަށް ކުރި ޖޫރިމަނާ އީސީން ވަނީ ބާތިލުކޮށްފައި -- ސަން ފޮޓޯ/ އަޙްމަދު އާޒިފް

މިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ)ން ކުރި ޖޫރިމަނާ ބާތިލުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ޒަމީލް ވާދަކުރީއިރު ރަނިންމޭޓަކީ އަނބިމީހާ މަރިޔަމް އަލީމްއެވެ. ރަސްމީ އިންތިޚާބީ އެޖެންޓަކަށް ހަމަޖެއްސީ ދަރިފުޅު އަޙުމަދު މަހްރާން ޒަމީލެވެ.

ޒަމީލްގެ މާލީ ބަޔާން ގާނޫނުގައި ބުނާ މިންގަނޑަށް ނުފެތޭތީ ޒަމީލް 20،000 ރުފިޔާއިން އަދި މަހްރާން 6،000 ރުފިޔާއިން ޖޫރިމަނާކުރަން އީސީން ނިންމިއެވެ.

ޒަމީލްގެ ފަރާތުން ވަނީ އީސީގެ ނިންމުން މުރާޖާކުރަން އަންގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެކަމަކު، އީސީން ވަނީ އެ ޖޫރިމަނާ ބާތިލުކުރަން ނިންމިކަން މިދިޔަ އާދިއްތަ ދުވަހު ސިޓީއަކުން ޒަމީލަށް އަންގައިފައެވެ.

އެހެންވެ، އޭނާގެ ފަރާތުން ވަނީ އީސީއާ ދެކޮޅަށްކުރި ދައުވާ ބާތިލުކުރަން އެދިފައެވެ.

ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ ޢަލީ އަބްދުﷲ ވަނީ އެ މައްސަލަ އަނބުރާ ގެންދިޔަ ކަމަށް ނިންމައި މިއަދު ހުކުމްކޮށްފައެވެ.

https://sun.mv/181848

މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލާއި، އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލުގެ އިތުރުން ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް ވެސް ހުށަހަޅަން ޖެހޭނެއެވެ.

އަދި, ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި، ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ސްލިޕް ވެސް ހުށަހަޅަން ޖެހޭނެއެވެ.

ޒަމީލަށް ރިޔާސީ އިންތިޚާބުގައި ލިބުނީ އެންމެ 327 ވޯޓެވެ. އެއީ، 0.15 އިންސައްތައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މިންގަނޑަށް ފެތޭ ގޮތަށް މާލީ ބަޔާން ހުށަހެޅުއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަނި ކަމަށް އީސީން މީގެ ކުރިން ބުންޏެވެ.

comment ކޮމެންޓް