މަސް ގަންނަ އަގު މުރާޖާކުރަނީ

ދިވެހި މަސްވެރިިން މަސް ބޭނުމުގައި: ސަރުކާރުން އަންނަނީ މަސް ގަންނަ އަގު މުރާޖާކުރަން ތައްޔާރުވަމުން --

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ގަންނަ އަގު މުރާޖާކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ހާޒިރުކޮށް، ގައުމުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވަނީ ސުވާލުކޮށްފައެވެ.

އެ ކޮމިޓީއަށް އޭނާ ހުށަހެޅުއްވި ކަރުދާހާ ހަވާލައިދެއްވައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މިފްކޯއިން މަސް ގަންނަ އަގު އަންނަ މަހުގެ 26އިން ފެށިގެން މުރާޖާކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އެފަދަ މާލީ ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެ ފިޔަވަޅުތައް އަޅާ ސީދާ ތާރީޚުތައް ހާމަކުރަން ޖެހޭ ކަމަށެވެ.

އެއީ ވަރަށް މުހިންމު ވާހަކައެއްކަން ފާހަގަކުރައްވައި ޝަފީގު ވިދާޅުވީ، އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާ ތާރީޚަށް ވުރެ މުހިންމީ ނިންމާނެ ތާރީޚުތައްކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ފިޔަވަޅުތަކަކީ ތަފާތު މިނިސްޓްރީތަކާ ވާހަކަދައްކައިގެން ނިންމާ ނިންމުތައް ކަމަށާއި އެ މަޝްވަރާތައްކޮށްގެން، ޓައިމްލައިނެއް އެކުލަވައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން މަސް ގަންނަ އަގު މުރާޖާކުރަން، އެންމެ އަވަހަށް ބާއްވާ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ.

"އެގޮތަށް ވަރަށް އަވަހަށް ކުރުމުގެ ބޭނުން އެބަހުރި، އެ އާޖަންސީ އެބަހުރި އެ ކަމުގައި،" އޭނާ ވިދާޅުވިއެވެ.

https://sun.mv/193637

މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން މިދިޔަ އަންގާރަ ދުވަހު ނާޒިމް ވަނީ މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި މަސް ކިލޯއެއް ގަނެވެން އޮތީ 12 ރުފިޔާއަށް ނުވަތަ 15 ރުފިޔާއަށް ކަމަށްވާނަމަ އެ ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/193551

މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރަން ނިންމިއެވެ.

މަސްވެރިންނަށް ފައިސާ ނުދޭތީ އައްޑޫއާއި ދ. ކުޑަހުވަދޫގައި ވެސް މި ހަފުތާގައި މަސްވެރިން މުޒާހަރާ ކުރިއެވެ. އޭގެ ކުރިން ކޫއްޑޫގައިއާއި މާލޭ ސަރަހައްދުގައި ވެސް މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ.

comment ކޮމެންޓް